20 ފެބުރުއަރީ 2018 - 12:20

ކޮލަމްބޯ (ފެބްރުއަރީ 20) - ސްރީ ލަންކާގެ ސަރުކާރު ތެރޭގައި އުފެދިފައިވާ ކޯޅުންގަނޑު ހައްލު ކުރުމުގެ ގޮތުން ކޯލިޝަން ސަރުކާރުން ވަކިވާން ނިންމާފައިވާ ނިންމުން ބަދަލުކޮށް ސަރުކާރައިގެން ކުރިއަށް ދާން ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ނިންމައިފި އެވެ.
ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އާ އެކު ކުރިއަށް ދާން ސިރިސޭނާ ނިންމެވުމުން، ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ކުރިމަތިވި މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދޭނެ ކަމަށް އޮފިޝަލުން ބުނެ އެވެ.
އެސްއެލްއެފްޕީގެ ތަރުޖަމާން އަދި ސޯޝަލް އެމްޕަވާމެންޓް މިނިސްޓަރު އެސް.ބީ ޑިސަނަޔަކަ ވިދާޅުވީ ޔޫއެންޕީއާ ގުޅިގެން ކުރިއަށް ދާން ނިންމާފައި ވަނީ ޕާޓީގެ އިސް އޮފިޝަލުންގެ މަޝްވަރާތަކަށް ފަހު އިއްތިފާގުން ކަމަށެވެ.
އެސްއެލްއެފްޕީގެ އޮފިޝަލުންނާ އެކު ރައީސް ސިރިސޭނާ އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު ޑިސަނަޔަކަ ވިދާޅުވީ ކޯލިޝަނުން ވަކިވުމުގެ ބަދަލުގައި ސިރިސޭނާ ނިންމަވާފައި ވަނީ ސަރުކާރު ހިންގުމަށް ބޮޑު ބަދަލެއް ގެންނެވުމަށް ކަމަށެވެ. މި ގޮތުން ކެބިނެޓަށް ވެސް ބޮޑު ބަދަލެއް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަހު 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނާކާމިޔާބީއާ އެކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒުވެ ބޮޑު ވަޒީރުކަމުން ރަނިލް ވަކިރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ. ރައީސް ސިރިސޭނާ އަށް ކުރިމަތި ކުރަމުން ދިޔަ ޕްރެޝަރާ އެކު އިދިކޮޅު ފަރާތްތަކުގެ އެހީއާ އެކު އާ ސަރުކާރެއް އެކުލަވާލުމަށް ވެސް އެސްއެލްއެފްޕީން ވަނީ މަޝްވަރާ ކޮށްފަ އެވެ.
ރަނިލް ވެސް މިހާރު ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ދިން މެސެޖް ގަބޫލްކޮށް ސަރުކާރަށް ބަދަލުތައް ގެނައުމަށް އެއްބަސްވެވަޑައިގެންފަ އެވެ.