ހެއާ ޑައި އަށް އެލާޖިކްވެ ސީރިއަސް ހާލަތަކަށް
ހެއާ ޑައި އަށް އެލާޖިކްވެ ސީރިއަސް ހާލަތަކަށް

ލޯރެން ވުޑްސް ކިޔާ މީހަކު އޭނާގެ ފޭސްބުކްގައި ބުނެފައިވާ ގޮތުން އިސްތަށިގަނޑު ޑައިކުރަން ބޭނުންކުރި ޕްރޮޑަކްޓަކަށް އެލާޖިކްވެ އޭނާގެ މޫނާއި ލޯ ވަރަށް ބޮޑަށް ދުޅަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން އޮންނަން ޖެހުނެވެ.

ލޯރެން ބުނި ގޮތުގައި ހެއާ ޑައި ބޭނުންކުރުމުގެ 24 ގަޑިއިރުކުރިން އޭނާ ޕެޗް ޓެސްޓު ވެސް ހެދި އެވެ. ނަމަވެސް ހެއާ ޑައި ހޭކުމާއެކު މޫނާއި ބޯ ދުޅަވެ ރަތްވި އެވެ. އަދި ވަރަށް ގަދަޔަށް ދިލަ ވެސް ނަގަން ފެށި އެވެ.

އިންގްލެންޑްގެ އީސްޓް ސަސެކްސްގެ ހޭސްޓިންގްސް ގައި ދިރިއުޅޭ ލޯރެން ބުނި ގޮތުގައި ހެއާ ޑައި ބޭނުންކުރުމަށް ފަހު އެރޭ ނިދާފައި ހެނދުނު ހޭލެވުނުއިރު ލޯ ވެސް ނުހުޅުވޭ ވަރަށް މުޅި މޫނު އޮތީ ދުޅަވެފަ އެވެ. ލޯރެން ބުނި ގޮތުގައި އޭނާ ބޭނުންކުރީ ކްލެއާރޯލް ނައިސް އެން އީޒީ ކިޔާ ބްރޭންޑެއްގެ ހެއާ ޑައި އެކެވެ. މީގައި އެމޯނިއާ ނުހުންނަ ކަމަށް ލިޔެފައިވާ ކަމަށާއި އޭނާ ބޭނުންކުރީ ބްލެކް 83 ކަމަށް ވެސް ލޯރެން ފޭސްބުކް ޕޭޖްގައި ލިޔެފައިވެ އެވެ.

ލޯރެންގެ ޕޯސްޓް ސޯޝަލް މީޑިއާގައި ވައިރަލް ވުމުން ވަރަށް ގިނަ ބަޔަކު މި ކަމާ ކަންބޮޑުވެ ތަފާތު ކޮމެންޓްގައި ކޮށްފައިވެ އެވެ.

ކްލެއަަރޯލް ވެބްސައިޓްގައިވާ ގޮތުން ހެއާ ޑައި ހޭކުމުގެ 48 ގަޑިއިރު ކުރިން ޕެޗް ޓެސްޓް ހަދަން ޖެހެ އެވެ. ނަމަވެސް ލޯރެން މަޑުކޮށްފައިވަނީ އެންމެ 24 ގަޑިއިރު އެވެ.

ކްލެއަރޯލްގެ ތަރުޖަމާނު ދަ އިންޑިޕެންޑެންޓް ނޫހަށް ބުނި ގޮތުގައި އިސްތަށިގަނޑުގައި ބޭނުންކުރާ އެކި ކަހަލަ ކުލަތަކުން އެލާޖިކް ރިއެކްޝަނެއް އައުމަކީ ވަރަށް މަދުން ނޫނީ ދިމާ ނުވާ ކަމެކެވެ. މިއިން ކޮންމެ ޕްރޮޑަކްޓަކީ ވެސް ވަރަށް ގިނަ ރިސާޗްތައް ހެދުމަށް ފަހު އުފައްދާ އެއްޗެހި ކަމަށް އޭނާ ބުންޏެވެ.

ހެއާ ޑައި ބޭނުންކުރާ މީހުން ޕެޗް ޓެސްޓް ހަދައި އެލާޖިކް ރިއެކްޝަނެއް ނާދޭތޯ ޗެކް ކުރަން ލޯރެން އިލްތިމާސް ކޮށްފައިވެ އެވެ.