22 ފެބުރުއަރީ 2018 - 06:27

މީގެ 35 އަހަރު ކުރިން، އޭރު 18 އަހަރުގެ އެލެނާ ވިލިއަމްސްގެ ދިރިއުޅުން ހިތްދަތި ކަމުގެ ތެރެއަށް ވެއްޓުނީ ހީނުކުރާ ފަދަ ކަމަކުންނެވެ. ނުދަންނަ މީހަކަށް، އޭނާގެ ދަރިފުޅު އުރާލަން ދެވުނުކަން އެއީ ހެދުނު ބޮޑު ގޯހެއް ކަމުގެ އިހްސާސް އޭނާ ކުރެ އެވެ. އުރާލަން ދިން ދަރިފުޅާ އެކު އެ މީހާ ފިލައިގެން ދިޔައީ އެވެ. އަދިވެސް ދަރިފުޅުގެ ޚަބަރެއް ނުވެ އެވެ.
އެލަނާގެ ތުއްތު ދަރިފުޅު އޭޕްރީލް ނިކޯލް ވިލިއަމްސް އަށް އޭރު އެންމެ ތިން މަހެވެ. އެ ދަރިފުޅާ އެކު އޭނާ ނިކުތީ ދިގު ދަތުރަކަށެވެ. ދަތުރުގެ ފުރަތަމަ މަރުހަލާގައި 200 މޭލުގެ ރާސްތާއެއް ކަޑައްތުކުރުމަށްފަހު ވޮޝިންޓަންގެ ބަސް ސްޓޭޝަނަކަށް ދެވުނެވެ. އޭރުވެސް ހައިވޭގައި 1200 މޭލުގެ ދިގު ދަތުރެއް އޭނާއަށް ކުރަން އޮތެވެ.
ތުއްތު އޭޕްރީލް އާއި އޭނާގެ ޑައިޕާ ބޭގް އަދި އެހެން ބައެއް ސާމާނު ހިފައިގެން އެލެނާ ސްޓޭޝަންގައި އިނީ ދެ ވަނަ މަންޒިލް ފެށެނީ ތިން ގަޑިއިރު ފަހުން ކަމަށް ވާތީ އެވެ. އިރު އެރުމުގެ މާ ކުރިން ދަރިފުޅު އޮތީ ހޭލަ އެވެ. އެހެންވެ އޭނާ ގޮވައިގެން އުޅެއުޅެ އެލެނާ ހުރީ ވަރަށް ވަރުބަލިވެފަ އެވެ.
ކުއްލިއަކަށް އަންހެނަކު އައިސް ވަރަށް އެކުވެރިކޮށް ވާހަކަ ދައްކަން ފެށި އެވެ. އޭނާއަށް ކިޔަނީ ލަޔޯޓާ ކަމަށް ބުނެ އަމިއްލައަށް ތައާރަފްވި އެވެ. އެ މީހާ ވަރަށް ގިނަ ސުވާލުތައް އެލަނާއާ ކުރި އެވެ. އަދި ދަރިފުޅު އުރާލަން ދޭށޭ ބުންޏެވެ.
މިހާރު 52 އަހަރު ވެފައިވާ އެލެނާ އަށް އެ ދުވަހުގެ ހަނދާންތައް އަދިވެސް އުނދަގޫކުރެ އެވެ. ކުށްވެރިއެއް ކަމުގެ އިހްސާސްތައް ކުރެވެ އެވެ.
"ދަރިފުޅު އުރާލައިގެން އިނދެފައި އެ އަންހެންމީހާ ބުނި ދަރިފުޅުގެ ޑައިޕާ ބަދަލުކުރަން ޖެހިފައޭ އޮތީ. ވަރަށް ވަރުބަލިވެފަ ނޫންހޭ ތިހިރީ. ފާޚާނާއަށް ގޮސް ޑައިޕާ ބަދަލުކޮށްލަ ދޭނަމޭ،" ދެރަވެފައި އިނދެ އެލެނާ ކިޔައިދިނެވެ.
އެލެނާ ބުނީ އެއްޗެކޭ ބުނުމުގެ ކުރިން އެ އަންހެންމީހާ ދަރިފުޅު ގޮވައިގެން ފާޚާނާ އަށް ވަދެއްޖެ ކަމަށެވެ. ނަމަވެސް 10 ވަރަކަށް މިނިޓް ވީއިރުވެސް ނުނިކުތުމުން ކުއްލިއަކަށް އެލެނާގެ ހިތް ނުތަނަވަސްވެ ދުވެފައި ފާޚާނާއަށް ވަންއިރު އެ އަންހެންމީހާއެއް ނެތެވެ.
އެލެނާ ރޮމުން ބަސް ސްޓޭޝަންގައި ދުވި އެވެ. އަދި ފުލުހުންނަށް ގުޅައިގެން ގެނެސް ކުއްޖާ ފެނޭތޯ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެލެނާއަށް އޭނާގެ ދަރިފުޅުގެ އެއްވެސް ޚަބަރެއް ނުވެ އެވެ.
އޭގެ ފަހުން އެލެނާ އެހެން ކައިވެންޏެއް ކޮށް އަންހެން ދަރިއަކާއި ފިރިހެން ދަރިއަކު އެބަތިއްބެވެ. އޭގެ ތެރެއިން އެއް ކުއްޖަކަށް މިހާރު ދަރިއެއް ލިބި އެލެނާ އަށް މާމަ ވެސް ކިޔައިފި އެވެ. ނަމަވެސް މިހާރުވެސް ފުރަތަމަ ދަރިފުޅުގެ އުފަން ދުވަަހަކީ އެލެނާ އަށް ވަރަށް ހިތްދަތިކުރުވާ ދުވަހެކެވެ. އެ ދުވަހު އޭނާ އެކަކާ ވެސް ބައްދަލެއް ނުކުރާނެ އެވެ. ދަރިންނަށް ވެސް އެއީ މަންމަ އެކަނި އުޅެން ދޫކޮށްލަން ޖެހޭ ދުވަހެއްކަން އެނގި އެ ދުވަހު މަންމައަށް އެއްވެސް އުނދަގުލެއް ނުކުރާނެ އެވެ.