23 ފެބުރުއަރީ 2018 - 06:56

އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ބައިސްކަލު ދުއްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިފަދަ މީހުން މަގުތަކަށް ގިނަވާ ވަރަކަށް އެހެން އުޅަދުނދުތައް ދުއްވާ މީހުން ކަންބޮޑުވާނެ އެވެ. އެއީ ކުރިމަތިން ދުއްވާފައިދާ ބައިސްކަލު ހަދާނެ ގޮތެއް އަންގައިދޭނެ ބައްތިއެއް އާންމުކޮށް ފަހަތުން ފެންނަން ނުހުންނާތީއެވެ.
މިކަމަށް ހައްލެއް ލިބޭތޯ ކެލިފޯނިޔާގެ ކުންފުންޏެއް ކަމަށްވާ މީމާ އިންޖިނިއަރިން އިން އުފެއްދީ ލުސިންޓްގެ ނަމުގައި ފަރުމާކުރި ބައްތިއެކެވެ.
ލުސިންޓް ބައްތި ފަރުމާކޮށްފައިވަނީ އެކި ދަރަޖައަށް ނިވިދިއްލޭ ގޮތަށެވެ. އިތުރު ފިތަކަށް ނުފިތިޔަސް ބުރަކި ޖައްސަން އުޅުނަސް ބާރު ދުވެލީގައި ކުރިއަށް ދިޔަޔަސް މި ބައްތިން އެކަން އަންގައިދެއެވެ. މި ބައްތީގައި ބަރިއަކަށް ހަތަރު ބޮކި ހުރެއެވެ. ބުރަކި ޖައްސާ ނަމަ ހުރިހާ ބޮތްކެއް އެއްފަހަރާ ރަތްކުލައިގެ ގަދަ އައްޔަކުން ދިއްލެއެވެ. މަޑުނުކޮށް ކުރިއަށްދާ ނަމަ ބޮކިތައް ހުންނާނީ ފަނޑު ރަތްކުލައެއްގައެވެ.
ބައިސްކަލުގައި ލުސިންޓް ބައްތި ހަރުކޮށް އުފުރާލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ބާރުގަދަ ދަގަތްފާނުން ބައިސްކަލުގައި ހަރުކުރެވޭ މި ބައްތި ޕެންޑްރައިވްއެއްހާ ކުޑަ އެވެ. ބައިސްކަލު ޕާކުކޮށް ތަޅުލަމުން ބައްތި ނަގައި ޖީބަށްލައި ރައްކާކުރެވޭނެއެވެ.
ލުސިންޓް ބައްތި މިހާރު ވަނީ ބާޒާރަށް ނެރުމުގެ މަރުހަލާގައެވެ. މިހާރު މީގެ ބައްތި ވިއްކަންހުރީ 100 ޑޮލަރަށެވެ.