ގިނައިރު އިށީނދެ އިނުމުން ކެންސަރުގެ ނުރައްކާ ބޮޑުވޭ
ގިނައިރު އިށީނދެ އިނުމުން ކެންސަރުގެ ނުރައްކާ ބޮޑުވޭ

ހިނގަމުން ފިލްމު ބެލުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެކަމަކު ދިރާސާއެއްގައި ބުނަނީ އިށީނދެ އިނދެގެން ފިލްމު ބެލުމަށް ވުރެ ސިއްހަތަށް ރަނގަޅީ ހިނގަމުން ފިލްމު ބެލުމެވެ. ސަބަބަކީ ގިނައިރު އިށީނދެ އިނުމުން ނުވަ ބާވަތެއްގެ ކެންސަރުގެ ނުރައްކާ ބޮޑުވެ އެވެ.

އެމެރިކާގެ ނެޝަނަލް ކެންސަ އިންސްޓިޓިއުޓްގެ އެޕިޑެމިއޮލޮޖިސްޓް ޗާލްސް މެތިއުސް ގަބޫލުކުރާ ގޮތުގައި އިށީނދެގެން އިނދެ ވަގުތު ހޭދަކުރުމަށް ފަހު ހަރަކާތްތެރިކޮށް އުޅުން ވަރަށް ބޭނުންތެރި އެވެ.

ކަސްރަތުކުރުމާ ބެހޭ ގައިޑްލައިނެއް ތައްޔާރުކުރުމުގެ މަސައްކަތްކުރާ ތަޖުރިބާކާރު ބުނި ގޮތުގައި ގިނަ ވަގުތު އިށީނދެގެން އިނުމަކީ ނުވަ ބާވަތެއްގެ ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުވާ ކަމެކެވެ. މިއީ ކުރިން ވިސްނިފައި އޮތް ކަމެއް ނޫން ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުރީގެ ހޯދުންތަކުން ހާމަވެފައިވާ ގޮތުގައި ވަރަށް ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ މީހަކު ކަމަށް ވިޔަސް ޓީވީ ބަލާލަން ދުވާލަކު ގަޑިއެއްހާއިރު އިށީނދެ އިނުމުން ވެސް ނުވަ ބާވަތެއްގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. މީގެ ތެރޭގައި އުރަމައްޗާއި ގޮހޮރާއި ފުއްޕާމެއާއި ސިކުނޑި އާއި ބޯ އަދި ކަރުގެ ކެންސަރު ހިމެނެ އެވެ.

ޑރ. މެތިއުސް ވަނީ އޮސްޓިންގެ ޓެކްސަސްގައި މިދިޔަ ހޮނިިިހިރު ދުވަހު ބޭއްވި އެމެރިކަން އެސޯސިއޭޝަން އޮފް ދަ އެޑްވާންސްމަންޓް އޮފް ސައިންސް ކޮންފަރެންސަށް މި ހޯދުމުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

ޓީވީ ބެލުމަށް ވުރެ ބޭރަށް ނުކުމެ ހެލިފެލިވެ އުޅެވޭ ކަހަލަ ކަމެއްގައި ބައިވެރިވުން މާ މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.

އެމެރިކާގައި 2008 ގައި ނެރުނު ފިޒިކަލް އެކްޓިވިޓީ ގައިޑްލައިންގައި ބުނެފައި ވަނީ ދުވާލަކު ފަސް ގަޑިއިރަށް ވުރެ ގިނައިރު ތަންތަނުގައި އިށީނދެ ނުތިބުމަށެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ބުނި ގޮތުގައި ކަސްރަތުކުރުމުން މީހާގެ އުނަގަނޑާއި ބަނޑުގައި މަސް ޖެހުމުން ސަލާމަތްވެ ކުއްލިއަކަށް މަރުވުމަށް މެދުވެރިވާ އެކި ކަހަލަ ސިއްހީ ނުރައްކާ ކުޑަވާނެ އެވެ.

މި ޒަމާނުގައި ގިނަ މީހުންނަކީ މޭޒު ކައިރީގައި ތިބެގެން ވަޒީފާ އަދާކުރާ މީހުންނެވެ. ދުވާލުގެ ގިނަ ވަގުތު ތިބެނީ ގޮނޑީގައި އިށީނދެގެންނެވެ. މިއީ ދިގު އުމުރު ކުރުވާ ކަމެކެވެ. މިއީ ހިތުގެ ބައްޔާއި ސްޓްރޯކާއި ހަކުރުބައްޔާއި ލޭ މައްޗަށް ދިއުމާއި ސިކުނޑީގެ ބަލިތަކާއި ނޭވާލުމުގެ ނިޒާމުގެ މައްސަލަތައް އަދި ކެންސަރަށް މަގު ފަހިވާ ވެސް ކަމެކެވެ.

ހަފުތާގެ ހުރިހާ ދުވަހަކަށް ބަހާލައިގެން ހަށިގަނޑަށް ކަސްރަތު ލިބޭ ކަހަލަ ކަމެއްގައި ބައިވެރިވުމަކީ ސަލާމަތް ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިއްމުކަމެއް ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.