ރީތި ފިލްމުތަކުގެ ލިސްޓު ދިގު
ރީތި ފިލްމުތަކުގެ ލިސްޓު ދިގު

މި އަހަރުގެ މިހާތަނަށް ވަރަށް ރީތި ފިލްމުތަކެއް ރިލީޒްކޮށްފި އެވެ. މީގެ ތެރެއިން ބައެއް ފިލްމުތައް އަދިވެސް ސިނަމާތަކުގައި ދައްކަމުން އެބަދެ އެވެ. ކުރިޔަށް އޮތް ހަފުތާގައި ރިލީޒްކުރަން ދެ ފިލްމެއް އެބައޮތެވެ. "ވެލްކަމް ޓު ނިއު ޔޯކް" އާއި "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އެވެ. މީގެ ތެރެއިން ފުރަތަމަ ފިލްމަކީ ބޮލީވުޑްގެ ވަރަށް މަޝްހޫރު ފިލްމު އެވޯޑެއް ކަމަށްވާ އައިފާ އެވޯޑުގެ ބައެއް ކަންކަމާ ގުޅޭ މައުލޫއަކަށް އުފައްދާފައިވާ ފިލްމެކެވެ. ދެ ވަނަ ފިލްމަކީ ރީތި ލޯބީގެ ވާހަކައެެކެވެ.

"ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ"ގައި ދައްކަނީ ލޯބިވެރިންނާ ޖެހޭ މައްސަލަތަކެވެ. ނަމަވެސް މި ފިލްމުގެ ތަފާތަކީ ފިލްމުން ފެންނާނީ ގާތް ރަހުމަތްތެރިންގެ ސަބަބުން ދެ ލޯބިވެރިންގެ މެދުގައި ދިމާވާ މައްސަލަތައް ކަމަށް ވީމަ އެވެ.

ލަވް ރަންޖަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ތަރިންނަކީ ކާރްތިކް އާރްޔަން، ނުޝްރަތު ބަރޫޗާ އަދި ސަނީ ސިންގް ނިއްޖަރް އެވެ.

"ވެލްކަމް ޓު ނިއުޔޯކް" އަކީ ޗަކްރީ ޓޮލޭޓީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ދިލްޖީތު ދޮސާންޖް، ސޮނާކްޝީ ސިންހާ، ކަރަން ޖޯހަރް އަދި ރާނާ ދަގުބަތީ އެވެ.

މިހާރުވެސް ބައެއް ސިނަމާތަކުގައި "ޕެޑްމޭން"، "އައްޔާރީ" އަދި "ޕަދްމާވަތު" ވެސް ދަނީ ކާމިޔާބު ޝޯތައް ދައްކަމުންނެވެ. އެހެންކަމުން އަލަށް ނުކުންނަ ފިލްމުތަކަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބެއް ލިބުމުގެ ފުރުސަތު ކުޑަ އެވެ.