ޖޭމްސް ބޮންޑްގެ އާ ފިލްމްގެ ޑައިރެކްޝަނަކާ ހަވާލެއް ނުވަން: ކްރިސްޓޮފާ ނޯލަން
ޖޭމްސް ބޮންޑްގެ އާ ފިލްމްގެ ޑައިރެކްޝަނަކާ ހަވާލެއް ނުވަން: ކްރިސްޓޮފާ ނޯލަން

ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމަށް ޕްރޮޑިއުސަރު ބާބަރާ ބްރޮކަލީ ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމް ޑައިރެކްޓް ކުރާނީ ކްރިސްޓޯފާ ނޯލާން ކަމަށް ދެކެވޭ ވާހަކަ ނޯލަން ދޮގުކޮށްފި އެވެ.

އެކަމާ ބެހޭ ގޮތުން ބީބީސީ ރޭޑިއޯ 4 ގެ "ޑެޒާޓް އައިލެންޑް ޑިސްކްސް" ޕްރޮގްރާމްގައި އޮސްކާ ހޯދާފައިވާ 47 އަހަރުގެ ޑައިރެކްޓަރު ބުނީ އޭނާ ބޮންޑްގެ ކުރިއަށް އޮތް ފިލްމް ޑައިރެކްޝަނާ ހަވާލުވި ވާހަކަ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް ފެނުނު ކަމަށެވެ.

"އެކަމަކު އެއީ ރަނގަޅު ވާހަކައެއް ނޫން. އެ ފިލްމްގެ ޑައިރެކްޝަނަކާ އަހަރެން ހަވާލެއް ނުވަން. އެކަހަލަ ހުށަހެޅުމެއް ވެސް އަދި އައިސްފައެއް ނެތް،" މިދިޔަ އަހަރު "ޑަންކާކް" ގެނެސް ދިން ނޯލަން ބުންޏެވެ. "އެކަމަކު އަހަރެން މިހާރު މި އަންނަނީ ސްޕައި ތުރިލާއެއް ހަދަން ތައްޔާރުވަމުން."

އޭނާ ބުނި ގޮތުގައި އެފަދަ ވާހަކަތަކެއް ދެކެވުނީ ބޮންޑް ސީރީޒްގެ ފިލްމްތައް އެކި ފަހަރު އެކި މީހުން ޑައިރެކްޓް ކުރާތީ ކަމަށް ވެދާނެ އެވެ.

"އެކަމަކު ކޮންމެވެސް ދުވަހަކުން އަހަރެން ވަރަށް ބޭނުން ބޮންޑް ފިލްމެއް ޑައިރެކްޓްކޮށްލަން،" އިންސެޕްޝަން އާއި ދަ ޕްރިސްޓީޖް ވެސް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.

ނޯލަން ބުނި ގޮތުގައި ބޮންޑްގެ ފިލްމްތަކުގައި އިނގިރޭސި ޑައިރެކްޓަރު ސެމް މެންޑޭޒްކޮށްފައި ހުރި މަސައްކަތްތައް ވަރަށް ކަމުދެ އެވެ.

މެންޑޭޒް ވަނީ އިނގިރޭސި ޖާސޫސީ އެޖެންޓްގެ ވާހަކަ ކިޔައިދޭ ފިލްމްގެ ދެ ބައެއް ޑައިރެކްޓްކޮށްފަ އެވެ. އެއީ ސްކައިލް ފޯލް (2012) އާއި ސްޕެކްޓާ (2015) އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން 25 ވަނަ ފިލްމްގެ ޑައިރެކްޓަރުގެ ގޮނޑި އަށް ވެސް މެންޑޭޒް އައުމުގެ ފުރުސަތު ބޮޑެވެ.

"ބޮންޑްގެ އެންމެ ފަހުގެ ފިލްމްތަކުގައި މެންޑޭޒްކޮށްފައި ހުރި މަސައްކަތްތައް ވަރަށް މޮޅު. އެހެންވެ އަހަރެން ގަބޫލު ކުރަނީ ބާބަރަމެން ބޭނުމެއް ނުވާނެހެން އަހަންނެއް." ނޯލަން ބުންޏެވެ. "ކެރިއަރުގެ ކޮންމެ ވެސް ހިސާބެއްގައި ފުރުސަތެއް ލިބޭނެ ކަމަށް އުންމީދު ކުރަން."

ނޮވެމްބަރު 8، 2019 ގައި ރިލީޒް ކުރާ ބޮންޑްގެ 25 ވަނަ ފިލްމްގައި ވެސް ޓައިޓްލް ރޯލް ކުޅޭނީ އެންމެ ފަހުގެ ހަތަރު ފިލްމްގައި ވެސް ލީޑް ރޯލް ކުޅުނު ޑެނިއަލް ކްރެއިގެވެ.