ރިޔާސީ އިންތިހާބު ސެޕްޓެމްބަރު ކުރީކޮޅު ބާއްވަނީ
ރިޔާސީ އިންތިހާބު ސެޕްޓެމްބަރު ކުރީކޮޅު ބާއްވަނީ

މި އަހަރުގެ ރިޔާސީ އިންތިހާބު، އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ތައްޔާރުވާން ފަށައިފި އެވެ.

ރިޔާސީ އިންތިހާބު ބާއްވަން ގާނޫނުގައި ބުނާ ތާރީހުތަކަށް ބަލައި، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިންތިހާބު ބާއްވާށެވެ. އެކަން އިލެކްޝަންސް ކޮމިޝަނުން އަންނަ ހަފުތާގައި އިއުލާންކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިއާސީ އިންތިހާބު ބާއްވަން ޖެހޭނެ އެވެ. ރިއާސީ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިއާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިއާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރަންޖެހޭނެ އެވެ.

ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން ރިއާސީ ދައުރު ގުނަން ފަށަނީ ރިއާސީ އިންތިހާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުންނެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އެކު ވެސް އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން ނަގަން އުޅޭ ކަމަށް ވާހަކަ ދެކެވުނަސް އިލެކްޝަނުން ނިންމާފައި ވަނީ، މިހާތަނަށް ބޭއްވި އެހެން އިންތިހާބުތަކެކޭ އެއްގޮތަށް ވޯޓު ކަރުދާސް ބޭނުންކޮށްގެން ރިއާސީ އިންތިހާބު ބާއްވާށެވެ.

ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އިންތިހާބު ބާއްވަން ޖެހޭއިރު، އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. އެކަމަކު އެ ތުހުމަތުތައް ދޮގުކޮށް، އިލެކްޝަނުން ބުނެފައި ވަނީ އެ ކޮމިޝަނުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުތަކެކޭ އެއްގޮތަށް ރިޔާސީ އިންތިހާބު ވެސް މިނިވަންވާނެ ކަމަށެވެ.

ރިޔާސި އިންތިހާބުގެ ތައްޔާރީތައް ފަށާފައިވަނިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ސުލައިމާނު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެހެންވެ އެ ކޮމިޝަނުގެ މެމްބަރު ކަމަށް ބޭފުޅަކު ހޯދުމަށް ދެ ފަހަރެއްގެ މަތިން ވަނީ އިއުލާން ވެސް ކޮށްފަ އެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދާފައިވީ ނަމަވެސް އެ ކޯލިޝަނުން، ރައީސް ޔާމީނާ ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅާ އެވެ. އަދި ޕާޓީތަކުން އިންތިހާބުގައި ވާދަކުރަނީ ވަކިވަކިންތޯ ނުވަތަ ނެރޭނީ ކޯލިޝަން ކެންޑިޑޭޓެއްތޯ ވެސް އަދި ނުނިންމަ އެވެ.