ބީއެމްއެލް ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ ހިދުމަތް ފަށައިފި
ބީއެމްއެލް ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ ހިދުމަތް ފަށައިފި

އާބާދީ މަދު ރަށްތަކަށް އަމާޒުކޮށް ބީއެމްއެލް އިން ދެމުން އަންނަ ކޭޝް އެޖެންޓުންގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ ހިދުމަތް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭގޮތް ހަދައިފި އެވެ.

ބީއެމްއެލް ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ ހިދުމަތް ފަށައިފި
ބީއެމްއެލް ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ ހިދުމަތް ފަށައިފި

ކޭޝް އެޖެންޓުންނަކީ ބީއެމްއެލްގެ އޭޓީއެމެއް ނުވަތަ ބްރާންޗެއް ނެތް ރަށްތަކުގައި، ބޭންކުން ކަނޑައަޅާފައިވާ ފިހާރަތަކެވެ. މީގެ ކުރިން ކޭޝް އެޖެންޓުން މެދުވެރިކޮށް ލިބެނީ، އާންމުންނަށް އެ މީހެއްގެ އެކައުންޓުން ފައިސާ ނެގުމުގެ ހިދުމަތް އެކަންޏެވެ. ނަމަވެސް މިހާރު ކޭޝް އެޖެންޓުން މެދުވެރިކޮށް، އެއްވެސް ފީ އަކާ ނުލައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ދުވާލަކު 10،000ރ. އާ ހަމައަށް ފައިސާ ޖަމާ ކުރެވޭނެ އެވެ. އަދި ކްރެޑިޓް ކާޑާއި، ލޯނަށް ވެސް ފައިސާ ދެއްކޭނެ އެވެ.

"ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ހިދުމަތް ފެއްޓޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ހާއްސަ އުފަލެއް. ކޮންމެ ރަށެއްގައި ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމް އެއް ގާއިމްކުރުމަކީ ފައްސޭހަކަމެއް ނޫން. ނަމަވެސް ކޭޝް އެޖެންޓުން މެދުވެރިކޮށް މިދަނީ މިފަދަ އާބާދީ ކުޑަ ރަށްތަކުގައި ބޭންކިންގ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދެމުން،" ބީއެމްއެލް ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

ގައުމީ ބޭންކުން، ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާ ކުރުމުގެ ހިދުމަތް ފުރަތަމަ ދޭން ފެށީ ރ. ހުޅުދުއްފާރުގަ އެވެ. ކުރިއަށް އޮތް ތަނުގައި އެހެން ރަށްރަށުން ވެސް މި ހިދުމަތް ލިބޭނެ އެވެ.

ބީއެމްއެލް އިން 2014 ވަނަ އަހަރު ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފުކޮށް އެ ހިދުމަތް ފުޅާ ކުރި އިރު، ކޭޝް އެޖެންޓުންގެ ގޮތުގައި ރަށްރަށުގައި 230 ފަރާތެއް ކަނޑައެޅިފައި ވެއެވެ. ކުދި ރަށްރަށަށް އަމާޒުކޮށްގެން ފެށި ހިދުމަތެއް ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބީއެމްއެލްގެ ކޭޝް އެޖެންޓުން ތިބެ އެވެ.

ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާ ކުރުމުގެ ހިދުމަަތް ދޭން ފަށާފައިވަނީ، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ފަށާފައިވާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ތެރެއިންނެވެ.

ރާއްޖޭގައި ބޭންކިންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ބީއެމްއެލް އިން ބުނީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މުޅި އަހަރު ދުވަހަށް ބަހާލައިގެން 300 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އެ ބޭންކުން މިދިޔަ އަހަރު ވެސް "އަހަރެންގެ ބޭންކް"ގެ ނަމުގައި ހިންގި ކެމްޕޭންގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ.