19 ފެބުރުއަރީ 2018 - 18:49

ދުނިޔޭގެ އެންމެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ކޭއެފްސީގެ ގިނަ ރެސްޓޯރަންޓްތަކަށް ކުކުޅު ލިބުން ދަތިވުމުން ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
ކޭއެފްސީން ބުނީ ރެސްޓޯރަންޓްތަކަށް ކުކުޅު ލިބުން ދަތިވީ ޑިސްޓްރިބިއުޝަން ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށާއި، ބަންދުކުރަން ޖެހުނު ތަންތަން ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކުކުޅު ލިބުން ދަތިވެގެން ބަންދު ކޮށްފައިވަނީ، އިނގިރޭސިވިލާތުގައި ހިންގަމުން އަންނަ ކޭއެފްސީ ރެސްޓޯރަންޓްތަކެވެ. އެގޮތުން އެ ގައުމުގައި ހިންގާ ކޭއެފްސީގެ 900 ރެސްޓޯރަންޓްގެ ތެރެއިން އެތައް ސަތޭކަ ތަނެއް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ބަންދުކުރި ތަންތަނުގެ ތެރޭގައި ލަންޑަން އަދި ވޭލްސްގެ އިތުރުން ވެސް ގިނަ ސަރަހައްދުތަކެއްގެ ރެސްޓޯރަންޓްތައް ހިމެނެ އެވެ.
ކޭއެފްސީގެ ޑިސްޓްރިބއުޝަން ނެޓްވޯކަށް މައްސަލަ ޖެހި، ގިނަ ތަންތަން ބަންދުކުރަން ޖެހުނު އިރު، މިދިޔަ ހަފުތާގައި އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ވަނީ ޑީއެޗްއެލް އަށް ހަވާލު ކޮށްފަ އެވެ. ޑީއެޗްއެލްގެ ކުރިން އެކަން ކުރަމުން އައީ ސައުތު އެފްރިކާގެ ލޮޖިސްޓިކް ކުންފުންޏެއް ކަމަށްވާ ބިޑްވެސްޓް މެދުވެރިކޮށެވެ.
ޑީއެޗްއެލް އިން ބުނީ އޮޕަރޭޝަނަލް މައްސަލައެއްގައި ބައެއް އޯޑަރުތައް ފުރިހަމަ ނުވީ ކަމަށާއި އަދި ބައެއް އެއްޗެހި ޑިލޭވެފައިވާ ކަމަށެވެ. އަދި ޑީއެޗްއެލް އިން ވަނީ އެކަމަށް މައާފަށް އެދި، ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކުރާނެ ކަމަށް ވެސް ބުނެފަ އެވެ.
ތެލުލި ކުކުޅު ނުވަތަ ފްރައިޑް ޗިކަން އިން މަޝްހޫރުކަން ހޯދާފައިވާ ކޭއެފްސީން ރާއްޖޭގައި ވެސް ރެސްޓޯރަންޓެއް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ. އެތަން ހުޅުވާނީ، ބޭރުގެ މަޝްހޫރު އެހެން ބްރޭންޑްތަކުގެ ރެސްޓޯރަންޓްތަކާއި އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.