19 ފެބުރުއަރީ 2018 - 16:02

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް މުހައްމަދު (ސިމް) ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާގެ ފިރިކަލުން ސިމް 63، ހޯދަން އިއުލާންކުރީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށެވެ. ބަންދުގައި ބަހައްޓައިގެން ސިމް، މާދަމާ ކޯޓަށް ހާޒިރުކުރަން އަމުރެއް ނެރެފައިވާ ކަމަށް ފުލުސް އޮފީހުން ބުންޏެވެ.
ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.
ސިމްގެ އިތުރުން ވެސް ދެ މީހަކު ހޯދަން ކޮށްފައިވާ އިއުލާނުގައި ފުލުހުން އެދިފައި ވަނީ އެ ތިން މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ މުއައްސަސާ އަށް ހިއްސާކޮށް ދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އާއިލީ ބޭފުޅެއް ކަމަށްވާ ސިމް ހޯދަން އިއުލާންކުރިއިރު، އޭނާ ދިރިއުޅުއްވަނީ އާއިލާއާ އެކު އޮސްޓްރޭލިއާގަ އެވެ.
ސިމްއަކީ ދިގު މުއްދަތެއްގައި މަޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އަދި ކުރީގެ މަޝްހޫރު ލިއުންތެރިއެއް ވެސް މެ އެވެ.