19 ފެބުރުއަރީ 2018 - 15:21

ނިއު ދިއްލީ (ފެބްރުއަރީ 19) - އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަކުރަމުންދާ އިރު އިންޑިއާ އިން ވެސް ދަނީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ މައްޗަށް އެ ގައުމުގެ ނުފޫޒު ބޮޑު ކުރަން މަސައްކަތް ކުރަމުންނެވެ. މި ގޮތުން އިންޑިއާ އިން އެންމެ ފަހުން އިޚްތިޔާރު ކުރި ގައުމަކީ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ސީޝެލްސް އެވެ.
އިންޑިއާ އާއި ސީޝެލްސް އިން މިދިޔަ މަހު ވަނީ ސީޝެލްސްގެ އެސަމްޝަން އައިލެންޑްގައި އަސްކަރީ މަރުކަޒެއް ގާއިމް ކުރުމުގެ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. މި އެއްބަސްވުމާ ހަމައަށް އާދެވުނީ އެތައް ދުވަހެއްގެ ޑިޕްލޮމެޓިކް މަޝްވަރާ އަށް ފަހު އެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިއާ އަށް އަސްކަރީ މުހިންމު ޕޮއިންޓެއް ގާއިމް ކުރެވޭނެ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ ރެކޯޑްތަކުން އެނގޭ ގޮތުގައި ދުވާލަކު 40 މިލިއަން ފީފާ ތެޔޮ ނުވަތަ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ދެބައިކުޅަ އެއްބައި އުފުލާފައި ވަނީ އިންޑިއާ ކަނޑުގެ އެންޓްރީ އަދި އެގްޒިޓް ޕޮއިންޓްތަކުންނެވެ. އޭގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި، މަލަކާ އަދި ބަބް އަލް މަންދީބު ކަނޑުއޮޅި ހިމެނެ އެވެ.
ގާތްގަނޑަކަށް 7،500 ކިލޯ މީޓަރު (4،700 މޭލު) ގެ އިންޑިއާގެ ކޯސްޓްލައިން އިންޑިއާ ކަނޑާ ވަނީ ގުޅިފަ އެވެ. އިންޑިއާގެ ޝިޕިން މިނިސްޓްރީން ބުނީ އެ ގައުމުގެ ވިޔަފާރީގެ ވޮލިއަމަށް ބަލާއިރު 95 ޕަސެންޓް ދައުރު ކުރަނީ އިންޑިއާ ކަނޑު މެދުވެރިކޮށް ކަމަށެވެ.
އިންޑިއާ ކަނޑަށް އިންޑިއާ އިން އަތްގަދަ ކުރަމުންދާ އިރު ޗައިނާ އިން ވެސް ދަނީ އެފަދަ ސްޓްރެޓަޖީއެއް ތަރައްގީ ކުރަމުންނެވެ. ރައީސް ޝީ ޖިންޕިންގެ ވެރިކަމުގައި ޗައިނާ އިން ވަނީ އެ ގައުމުގެ ކަނޑުގެ އަސްކަރިއްޔާގެ ބާރު އެތައް ތަނެއް ވަރުގަދަކޮށްފަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ޗައިނާ އިން ވަނީ ގައުމުން ބޭރުގައި އެ ގައުމުގެ ފުރަތަމަ އަސްކަރީ މަރުކަޒު ބާބް އަލް މަންދީބް ކަނޑު އޮޅިއާ ކައިރީގައިވާ ޖިބޫތީގައި ގާއިމްކޮށްފަ އެވެ. ޔަމަނާއި ޖިބޫތީއާ ދެމެދު އޮންނަ ބާބް އަލް މަންދީބަކީ ދުނިޔޭގެ އެންމެ ބިޒީ އެއް ޝިޕިން ލޭން އެވެ. އޭގެ ފަހުން ޗައިނާ އިން ވަނީ ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރު ނަގައިފަ އެވެ. ހަމްބަންޓޯޓާ ބަނދަރު 99 އަހަރަށް ޗައިނާ އަށް ދޭން ޖެހުނީ އެ ގައުމުން ނަގާފައިވާ ދަރަނީގެ ބުރަ ލަންކާ އަށް ބޮޑުވުމުންނެވެ.
އިންޑިއާގެ ނޭޝަނަލް މެރިޓައިމް ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު ކުރްޕްރީތު ކުރާނާ ވިދާޅުވީ ސީޝެލްސްއާ އެކު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ސީޝެލްގެ ޓެރިޓަރީ އަށް އިންޑިއާ އިން ރައްކާތެރިކަން ދޭނެ ކަމަށެވެ. ސީޝެލްސްއާ އެކު ގާއިމްކުރި އެއްބަސްވުމާ ގުޅޭ ތަފްސީލްތައް ހާމަކޮށްފައެއް ނުވެ އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ، މެއި 2015 ގައި ސީޝެލްސް އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ތަސައްވަރެއް ހާމަކުރައްވައިފަ އެވެ. އިންޑިއާ ކަނޑުގެ ގައުމުތަކާ ގުޅުން ބަދަހި ކުރުމުގެ އިސް ނެގުމުގެ ދަށުން ސީޝެލްސްގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިއާގެ ކަނޑުގެ ސިފައިން ދަނީ އެހީތެރިވަމުންނެވެ. އަދި އިންޑިއާ އިން 2016 ވަނަ އަހަރު ވަނީ ކޯސްޓަލް ސަވޭލަންސް ރާޑާ ސިސްޓަމެއް ސީޝެލްސްގައި ގާއިމްކޮށްފަ އެވެ.
ސީޝެލްސް ނިއުސް އެޖެންސީން ބުނީ އިންޑިއާއާ އެކު ގާއިމްކުރި އެއްބަސްވުމުގެ ފުރަތަމަ މުއްދަތަކީ 20 އަހަރު ކަމަށެވެ. އަދި ސީޝެލްސްގެ ގައުމީ ސަލާމަތަށް ނުރައްކާވާ ނަމަ އިންޑިއާގެ މަރުކަޒުގެ އޮޕަރޭޝަންސްތައް ހުއްޓާލުމުގެ ބާރު ސީޝެލްސް އަށް ލިބިގެންވެ އެވެ.