އޯޕްރާ އިންތިހާބުގައި ވާދަކޮށްފި ނަމަ ބަލި ކުރާނަން: ޓްރަމްޕް
އޯޕްރާ އިންތިހާބުގައި ވާދަކޮށްފި ނަމަ ބަލި ކުރާނަން: ޓްރަމްޕް

ވެރިކަން ގެއްލިދާނެތީ ބިރު ގަންނަ މީހުންގެ ލިސްޓަށް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ލެވިދާނެ އެވެ. ވެރިކަމަށް އަހަރު ދުވަސްވީ އިރު، މުޅި އެމެރިކާހެން އޮތީ އޭނާއާ ދެކޮޅަށެވެ.

އެކަމަކު ވެރިކަން ދިފާއު ކުރުމުގެ ވިސްނުން ޓްރަމްގެ ވަރަށް ބޮޑެވެ. އެހެން ނޫން ނަމަ، އިންތިހާބެއްގައި އަންހެނަކު ބަލިކޮށް ލާނެ ވާހަކަ އަދި ދައްކާކަށް ނުވެސް ޖެހެ އެވެ. ޓްރަމްޕް އެ އިޝާރާތް ކުރި އަންހެނަކީ އެމެރިކާގެ ނުފޫޒު ގަދަ އަންހެނެއް ކަމަށްވާ މަޝްހޫރު އޯޕްރާ ވިންފްރީ އެވެ. އޭނާ ދެން އަންނަ އިންތިހާބަކަށް، ޓްރަމްޕާ ވާދަކޮށްފާނެ ކަމަށް ހީކުރެވިގެން މިހާރު އިންޒާރު ވެސް ދޭން ފެށީ އެވެ.

އޮޕްރާއާ ބެހޭ ގޮތުން ޓްރަމްޕް ކުރި ޓްވީޓެއްގައި ބުނީ "އޯޕްރާ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށާއި އޭރުން އޭނާ ބޭޒާރުކޮށްލައި އެހެން މީހުން ވެސް ބަލި ކުރި ގޮތަށް ބަލި ވެސްކޮށްލާނެ" ކަމަށެވެ.

އެ ޓްވީޓްގައި ޓްރަމްޕް ވަނީ އޮޕްރާ ކުރި އިންޓަވިއުއަކަށް ވެސް ފާޑު ކިޔައިފަ އެވެ. އެގޮތުން ސީބީއެސްގެ "60 މިނިޓް" ގައި ބަޔަކު އަރުވައިގެން ދެއްކީ މުޅިން ވެސް އެއްކޮޅަށް ޖެހިފައިވާ ވާހަކަތައް ކަމަށާއި ދެއްކި ވާހަކަތަކުގައި ހަގީގަތެއް ވެސް ނެތް ކަމަށް ބުންޏެވެ.

އޯޕްރާއާ ބެހޭ ގޮތުން ޓްރަމްޕް ކުރި ޓްވީޓާ ގުޅިގެން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ އޭނާ އަށް ފާޑު ވެސް ކިޔަމުންނެވެ.

މީގައި އަދި މަޖާ ކަމަކީ ދެން އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން އޯޕްރާ އަދި ނިންމާފައިި ވެސް ނެތް ކަމެވެ. އޭނާ 2020 ގެ އިންތިހާބުގައި ވާދަ ކުރަން ގިނަ ބަޔަކު ގޮވާލަން ފެށީ މިދިޔަ މަހު ބޭއްވި 75 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގައި ދެއްކި އަސަރު ގަދަ އަދި ހިތްވަރު ގަދަ ތަގުރީރާ ގުޅިގެންނެވެ.

ގޯލްޑެން ގްލޯބްގެ ކުރިން އެމެރިކާގެ އިން ސްޓައިލް މެގަޒިން އަށް ދިން އިންޓަވިއުއެއްގައި އޯޕްރާ، 64، ވަނީ ވެރިކަމަށް އައުމުގެ އެއްވެސް ޝައުގެއް ނެތްް ކަމަށް ބުނެ އެވެ.

"އަހަންނަށް އެނގޭ އަހަންނަށް ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް. އަނެއްކޮޅުން އެއްވެސް އިރެއްގައި އަހަރެން ސިޔާސީ ދާއިރާއަށް ވަންނާކަށް ޝައުގެއް ނެތް،" އެ އިންޓަވިއުގައި އޭނާ ބުންޏެވެ. "އަމުދުން ވެރިކަމަށް އަންނާކަށް އެއްވެސް ކަހަލަ ޝައުގުވެރި ކަމެއް ނެތް."

މި މޭރުމުން އޯޕްރާ ވާހަކަ ދައްކައިފައި ވަނިކޮށް ވާދަ ކުރަން އަންނާށޭ ބުނެ، ޓްރަމްޕް އަންހެނަކަށް ގޮންޖެހުމަކީ ވަރަށް ފިނޑި އަމަލެއް ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ. އޭނާ އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވީ ވެސް "އޮޅުންބޮޅުން" ބޮޑު އިންތިހާބެއްގައި އަންހެނަކާ ވާދަކޮށްގެންނެވެ. އެއީ އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނނަލުން ހިލަރީ ކްލިންޓަނާ ވާދަކޮށްގެންނެވެ.