ބާންސާލީގެ ފިލްމުތަކަށް ޝާހްރުކް ބުނަނީ ނޫނެކޭ
ބާންސާލީގެ ފިލްމުތަކަށް ޝާހްރުކް ބުނަނީ ނޫނެކޭ

ސަންޖޭ ލީލާ ބާންސާލީގެ ފިލްމެއް ކުޅެން ޝާހްރުކް ޚާން އުޅޭ ކަމަށް ބުނެ ދޭތެރެ ދޭތެރެއިން ތަފާތު އަޑުތައް ފެތުރެ އެވެ. ނަމަވެސް އެއްވެސް ފިލްމެއްގެ މަސައްކަތް ފެށޭ ތަނެއް ނުފެނެ އެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ދެ ފިލްމެއް ޝާހްރުކަަށް ބާންސާލީ ހުށަހެޅި އެވެ. ނަމަވެސް ޝާހްރުކް އެއްވެސް ފިލްމެއް ކުޅެދޭކަށް އެއްބަހެއް ނުވި އެވެ.

"ބާންސާލީގެ އެއްވެސް ފިލްމެއް ޝާހްރުކް މިވަގުތު ކުޅޭ ގޮތަށް ހަމަޖެހިފައެއް ނެތް. އެ މީހުން މިދިޔަ އަހަރު ވަރަށް ގިނަ ބައްދަލުވުންތައް ބާއްވާ ބައެއް ސްކްރިޕްޓްތަކާ ވެސް މަޝްވަރާކުރި. ނަމަވެސް އެއްވެސް ފިލްމެއް ކުޅޭކަށް ޝާހްރުކަށް އެއްބަހެއް ނުވެވުނު،" ޑީއެންއޭ ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ބާންސާލީގެ ފިލްމުތައް ޝާހްރުކް ގަބޫލުނުކުރަނީ ދެ މީހުންގެ މެދުގައި މައްސަލައެއް އޮވެގެންނެއް ނޫނެވެ. މި ދެ މީހުންނަކީ ވެސް ވަރަށް ޕްރޮފެޝަނަލް ދެ މީހުން ކަމަށް ވާތީ ޒާތީ ގޮތުން އެމީހުންގެ އޮންނަ ގުޅުމަކަށް މިކަމަކުން އެއްވެސް ބަދަލެއް ނާދެ އެވެ. ކުރިން ވެސް އެ މީހުންނަކީ ދެ ރަހްމަތްތެރިންނެވެ. އަދި މިހާރު ވެސް އެކަން އޮތީ އެގޮތަށެވެ.

ބާންސާލީގެ އެންމެ ފަހުގެ ފިލްމު "ޕަދްމާވަތު"ގައި ރަންވީރު ސިންގް ކުޅުނު އަލާއުއްދީން ޚިލްޖީގެ ރޯލާއި ޝާހިދު ކަޕޫރު ކުޅުނު ރޯލު ވެސް އެންމެ ފުރަތަމަ ކުޅެން ލިބުނީ ޝާހްރުކް އަށް ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ. ނަމަވެސް ޚިލްޖީގެ ރޯލުގެ ސަބަބުން މައްސަލަތައް ކުރިމަތިވެދާނެކަން ޔަގީންވާތީ އާއި ޝާހިދު ކުޅުނު ރޯލުގައި ކުރާނެ މާ ބޮޑު ކަމެއް ނެތް ކަމަށް ބުނެ އެ ދެ ރޯލު ކުޅެދޭން ޝާހްރުކް އެއްބަސް ނުވީ އެވެ.

ޝާހްރުކާއި ބާންސާލީ ގުޅިގެން މިހާތަނަށް މަސައްކަތް ކޮށްފައި ވަނީ "ދޭވްދާސް"ގައި އެކަންޏެވެ.