މަގާމުން ދުރުކުރަން ޖެހޭނީ އިތުބާރު ނެތްކަމުގެ ވޯޓަކުން ބަލިކޮށްގެން: ރަނިލް
މަގާމުން ދުރުކުރަން ޖެހޭނީ އިތުބާރު ނެތްކަމުގެ ވޯޓަކުން ބަލިކޮށްގެން: ރަނިލް

ކޮލަމްބޯ (ފެބްރުއަރީ 19) - ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި މަގާމުން ދުރުކުރަން ޖެހޭނީ ޕާލަމެންޓުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓަކުން ބަލިކޮށްގެން ކަމަށް ޔޫއެންޕީގެ ލީޑަރު ރަނިލް ވިކްރަމަސިންހަ ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް އިއްޔެ ދަންނަވައިފި އެވެ.

ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ޖެނެރަލް ސެކްރެޓަރީ އަދި މިނިސްޓަރު ކަބީރު ހާޝިމް ވެސް ވަނީ ސަރުކާރުން ވަކިވުމަކީ ޕާޓީން ބޭނުންވާ ގޮތް ނޫން ކަމަށް ރައީސް ސިރިސޭނާ އަށް ދަންނަވައިފަ އެވެ. އަދި ބޮޑު ވަޒީރު ބަދަލު ކުރުމަކީ ޔޫއެންޕީން އެދޭ ގޮތެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ބޮޑު ވަޒީރު ރަނިލް ހުކުރު ދުވަހު ވަނީ މަގާމުގައި ދެމި ހުންނަވާ ގާނޫނު އަސާސީއާ އެއްގޮތަށް ސަރުކާރު ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު އޮތް އެއްބައިވަންތަކަމުގެ ސަރުކާރުގެ ދައުރު ހަމަވަންދެން ކުރިއަށް ގެންދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ގާނޫނީ ތަޖްރިބާކާރުން ވިދާޅުވަނީ ގާނޫނު އަސާސީގެ 19 ވަނަ އިސްލާހުގެ ދަށުން ކޮންމެ ހާލަތެއްގައި ނަމަވެސް ބޮޑު ވަޒީރު މަގާމުން ދުރުކުރުމުގެ ބާރު ރައީސް އަށް ލިބިގެން ނުވާ ކަމަށެވެ.

ރައީސް ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ސަރުކާރުން ވަކިވާން ނިންމާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެ ޕާޓީގެ ޕާލަމެންޓް މެންބަރު އަދި ޕާލަމެންޓުގެ ނައިބް ރައީސް ތިލަންގާ ސުމަތިޕަލާ ވިދާޅުވީ އާ ބޮޑު ވަޒީރެއް އައްޔަން ކުރުމާ މެދު ސުޕްރީމް ކޯޓުގެ ލަފައެއް ސިރިސޭނާ ހޯއްދަވާނެ ކަމަށެވެ. އެކަމަކު ޔޫއެންޕީގެ މިނިސްޓަރަކު ވިދާޅުވީ ސަރުކާރެއް އުފެއްދޭ ވަރަށް ޕާލަމެންޓުގެ މެޖޯރިޓީ އެސްއެލްއެފްޕީ އަށް ލިބިގެން ނުވާ ކަމަށެވެ.