އޯވަރީ ކެންސަރުގެ ޖީން ވާރުތަވަނީ ބައްޕަގެ ފަރާތުން؟
އޯވަރީ ކެންސަރުގެ ޖީން ވާރުތަވަނީ ބައްޕަގެ ފަރާތުން؟

އޯވަރީއަށް ކެންސަރު ޖެހުމަށް މެދުވެރިވާ ޖީން ވާރުތަވަނީ އެ މީހުންގެ ބައްޕަ ފަރާތުން ކަމަށް ބެލެވޭ ކަމަށް ސައިންސްވެރިން ބުނެފި އެވެ. ސައިންސްވެރިން ހޯދުމަކުން ހާމަވެފައިވާ ގޮތުގައި އެކްސް-ކްރޮމޮޒޯމްގައި ހުންނަ ޖީންތައް ބައްޕަގެ ފަރާތުން އަންހެން ދަރިންނަށް ވާރުތަވެ އެވެ. އަދި އޯވޭރިއަން ކެންސަރުގެ ނުރައްކާ އިތުރުވެ އެވެ.

މި ހޯދުމުގައި ބުނެފައި ވަނީ އެކްސް-ކްރޮމޮޒޯމަށް އަންނަ ބަދަލުތަކަކުން އޯވޭރިއަން ކެންސަރު ޖެހޭ އުމުރު ވެސް ހައެއްކަ އަހަރު އަވަސް ވެދާނެކަމަށެވެ.

"އެއް އާއިލާއެއްގެ އެތަކެއް އަންހެނުންނަށް މި ބަލި ޖެހެނީ ކީއްވެގެން ކަން އަހަރެމެންނަށް މި ވަނީ އޮޅުން ފިލާފައި. އެއީ ކުއްޖާގެ ޖިންސު ވެސް ކަނޑައެޅިގެން ދަނީ ބައްޕަގެ ކްރޮމޮޒޯމްސްގެ މައްޗަށް ކަމަށް ވާތީ އޭނާގެ ހުރިހާ އަންހެން ދަރިންނަށް ވެސް ހަމަ އެ އެކްސް-ކްރޮމޮޒޯމްސް ޖީންތައް ވާރުތަ ވާތީ،" އެމެރިކާގެ ބަފަލޯގެ ކެންސާ ސެންޓަރެއްގެ އެސިސްޓެންޓް ޕްރޮފެސާ ކެވިން އެޗް. އެންގް ވިދާޅުވި އެވެ.

ޖާނަލް ޕްލޮސް ޖެނެޓިކްސްގައި ޝާއިއުކޮށްފައިވާ މި ހޯދުމުގައި ބުނާ ގޮތުން ބައްޕަ ފަރާތު މާމަގެ ފަރާތުން ވާރުތަވާ ޖެނެޓިކް މިއުޓޭޝަންގެ ސަބަބުން ބައްޕައިންނާއި އެމީހުންގެ ފިރިހެން ދަރިންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވެ އެވެ.

މި ހޯދުމަށް ސައިންސްވެރިން އެއްކުރީ ކެންސަރު ޖެހިގެން ފަރުވާ ހޯދަމުން އަންނަ 186 އަންހެނެއްގެ ސިއްހީ މައުލޫމާތެވެ. އަދި މި މީހުންގެ މާމަ އާއި މާމަދަރިންގެ އެކްސް-ކްރޮމޮޒޯމްސް މަސައްކަތްކުރާ ގޮތުގެ މައުލޫމާތެވެ.

ނަމަވެސް މި ޖީން މަސައްކަތްކުރާ ގޮތުގެ އިތުރު މައުލޫމާތު ހޯދަންޖެހޭ ކަމަށް ސައިންސްވެރިން ފާހަގަކޮށްފައިވެ އެވެ.