ކަރަން ޖޯހަރްގެ "ރަންބޫމީ"ގެ ބަތަލަކަށް ވަރުން ދަވަން
ކަރަން ޖޯހަރްގެ "ރަންބޫމީ"ގެ ބަތަލަކަށް ވަރުން ދަވަން

"ބަދްރީނާތު ކީ ދުލްހަނިޔާ" އާއި "ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ"ގެ ޑައިރެކްޓަރު ޝަޝާންކް ޚައިތާންއާ އެކު އިތުރު ފިލްމެއް ކުޅެން ވަރުން ދަވަން އަށް ލިބިއްޖެ އެވެ. ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ މި ފިލްމުގެ ނަމަކީ "ރަންބޫމީ" އެވެ.

"ރަންބޫމީ" އަކީ ޝަޝާންކް އާއި ވަރުންއާ އެކު ކަރަން އުފައްދާ ތިން ވަނަ ފިލްމެވެ. ޝަޝާންކް މިހާރު ކުރަމުން ދަނީ އިޝާން ޚައްތަރު އާއި ޖާންވީ ކަޕޫރު ބޮލީވުޑަށް ތައާރަފްވާ "ދަޅަކް" އުފެއްދުމުގެ މަސައްކަތެވެ. ވަރުންއާ އެކު އުފައްދާ ފިލްމުގެ މަސައްކަތް އޭނާ ފަށާނީ "ދަޅަކް" ނިންމާލުމަށް ފަހުގަ އެވެ.

"ރަންބޫމީ"ގެ ސްކްރިޕްޓް ލިޔުނުއިރު ވެސް ޝަޝާންކްގެ ހިތުގައި އޮތީ ބަތަލުގެ ރޯލަށް ވަރުންގެ ނަން ކަމަށް ވެއެވެ. މިއީ ލޯބީގެ ބަދަލު ހިފުމުގެ ޑްރާމާއެކެވެ.

ވަރުން ބުނި ގޮތުގައި މޮޅު ޑައިރެކްޓަރެއްގެ އިތުރުން ޝަޝާންކް އަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. އެ ދެ މީހުން ގުޅިގެން މިހާތަނަށް އުފެއްދި ދެ ފިލްމު ވެސް ވަނީ ވަރަށް ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. އެހެންވެ ތިން ވަނަ ފިލްމަކަށް ވެސް އޭނާއަށް އާނއެކޭ ބުނާކަށް ވަގުތެއް ނުނެގި ކަމަށް ވަރުން ބުންޏެވެ.

"ރަންބޫނީ" ރިލީޒްކުރާ ތާރީޚަކަށް ހަމަޖައްސާފައިވަނީ 2020ގެ އޮކްޓޯބަރު/ނޮވެމްބަރު ހިސާބެވެ.