އައިއެސްގެ ހުވަފަތް އަނބިންނަށް ހުކުމްކޮށް ޖަލަށް ލަނީ
އައިއެސްގެ ހުވަފަތް އަނބިންނަށް ހުކުމްކޮށް ޖަލަށް ލަނީ

ބަޣުދާދު (ފެބްރުއަރީ 19) - އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅިފައިވާ އަންހެނުންގެ ތެރޭން ހުވަފަތްވެފައިވާ 12 މީހެއްގެ މައްޗަށް އިރާގުގެ ކޯޓަކުން ހުކުމް އިއްވައިފި އެވެ.

މީގެ ތެރޭން ތުރުކީގެ އަންހެނަކު ވަނީ މަރަން ހުކުމް ކޮށްފަ އެވެ. އަނެއް 11 އަންހެނުންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ އުމުރަށް ޖަލަށްލުމަށެވެ. މި އެންމެންނަކީ ވެސް އައިއެސްއާ ގުޅިގެން ހަނގުރާމަ ކުރަން އިރާގަށް ދިޔަ މީހުންގެ އަނބިންގެ ތެރޭން ހުވަފަތްވެފައިވާ މީހުންނެވެ. އެކަކު ފިޔަވައި ދެން ތިބި އެންމެންނަކީ ވެސް ތުރުކީ މީހުންނެވެ. އަނެއް މީހާ އަކީ އަޒަބައިޖާން އަންހެނެކެވެ.

ހުކުމްކުރި މީހުންގެ އުމުރަކީ 20 އަހަރާއި 48 އަހަރާ ދެމެދެވެ. މި އެންމެން ވެސް އަތުލައިގެންފައި ވަނީ މޫސަލް އާއި ތަލް އަފާރުންނެވެ. އައިއެސްގެ ބާރުގެ ދަށުން މޫސަލް ހިފަން އިރާގު ސިފައިން ކުރި ހަނގުރާމައިގައި އެ މީހުންގެ ފިރިން ވަނީ މަރުވެފަ އެވެ.

މަރަން ހުކުމްކުރި އަންހެން މީހާ ކޯޓުގައި ބުނެފައި ވަނީ އޭނާގެ ފިރިމީހާ އާއި ދަރިންނާ އެކު އިރާގަށް ދިޔައީ އަމިއްލަ އިޚްތިޔާރުގައި ކަމަށެވެ.

"އަހަރެމެންނަށް ތުރުކީ ދޫކޮށް ދާން ބަޖްބޫރުވި. އަހަރެންގެ ފިރިމީހާ އަކީ ތުރުކީން ހޯދަން ބޭނުންވެފައިވާ މީހެއް. އަހަރެން ބޭނުންވީ އައިއެސްއާ އެކު އުޅެން. ސަބަބަކީ އެ މީހުންނަކީ އިސްލާމީ ޝަރީއަތް ހިންގާ ބަޔަކަށްވާތީ،" ތަރުޖަމާނެއްގެ އެހީގައި ކޯޓުގައި އެ އަންހެން މީހާ ބުންޏެވެ. "އެކަމަކު އިރާގަށް އާދެވުނީމާ ހިތާމަ ކުރަން. ވައިގެ ހަމަލާތަކުގައި އަހަރެންގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިން ވަނީ މަރުވެފައި."

ހުކުމް އިއްވުމާ އެކު އުމުރުން 48 އަހަރުގެ އެ އަންހެން މީހާ ރޯން ފެށި އެވެ. އަދި ތުރުކީގެ އެހެން އަންހެނަކު ހޭނެތިގެން ވެއްޓުނެވެ.

ހުވަފަތް އަނބިންނަށް ދިފާއުވުމަށް އިރާގު ސަރުކާރުން ހަމަޖެއްސި ވަކީލް ބުނީ އެ މީހުން އިރާގަށް ގެންދިޔައީ އޮޅުވާލައިގެން ކަމަށާއި އެ މީހުން އެއްވެސް ހަމަނުޖެހުމެއްގައި ބައިވެރި ނުވާ ކަމަށެވެ. އެ މީހުން ކުށްވެރިވެފައި ވަނީ އިރާގުގެ އެންޓި-ޓެރަރިޒަމް ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުންނެވެ.

ހުކުމްކުރި 12 އަންހެނުންނަށް އިސްތިއުނާފް ކުރުމަށް އެއް މަސް ދުވަސް ލިބޭނެ އެވެ.

އައިއެސްއާ ގުޅިފައިވާ ބިދޭސީ 509 އަންހެނުން މިހާރު ވެސް އިރާގުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭން 300 މީހުންނަކީ ތުރުކީ އަންހެނުންނެވެ. މި އެންމެންގެ 813 ކުދިން ވެސް މިހާރު ތިބީ އިރާގުގެ ސަލާމަތީ ފަރާތްތަކުގެ ބެލުމުގެ ދަށުގަ އެވެ.