20 ފެބުރުއަރީ 2018 - 06:32

އަމީތާބް ބައްޗަން އަކީ ސޯޝަލް މީޑިއާގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ ބޮލީވުޑް އެކްޓަރެކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އޭނާގެ ކޮންމެ މެސެޖެއްގައި ވެސް މަޖާ ނުވަތަ މުޖުތަމައަށް ބޭނުންތެރި ކޮންމެވެސް މެސެޖެއް ހިމެނެ އެވެ. އޭނާ ފޮނުވާ އުފަން ދުވަހުގެ ތަހުނިޔާއަށް ބޮލީވުޑް ބައެއް ތަރިން ޖަވާބު ނުދީގެން އެކަމާ ޝަކުވާކޮށް ވެސް ޓްވީޓްކުރެ އެވެ.
ނަމަވެސް މިފަހަރުގެ އޭނާގެ ޓުވީޓް އަދި މާ އާދަޔާޚިލާފެވެ. މިފަހަރުގެ ޓުވީޓްގައި، ބޮލީވުޑްގެ މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ކެޓުރީނާ ކައިފާއި ދިޕިކާ ޕަދުކޯން އަށް އަމީތާބު ޖޮބް އެޕްލިކޭޝަނެއް ފޮނުވާފައިވެ އެވެ.
ދީޕިކާ އާއި ކެޓުރީނާ ދިގުކަމުން ޝާހިދު ކަޕޫރާއި އާމިރު ޚާން ފަދަ އެކްޓަރުންނާއެކު ފިލްމު ކުޅެން އުނދަގޫކަމަށް ބުނެ ނޫހެއްގައި ޖަހާފައިވާ އާޓިކަލެއްގެ ފޮޓޯއަކާ އެކު އަމީތާބު ކުރި ޓުވީޓްގައި ބުނި ގޮތުގައި މިއީ އާދިއްތަ ދުވަހަކު އޭނާއަށް ކިޔާލަން ލިބުނު އެންމެ ރަނގަޅު އަދި އެންމެ މަޖާ ޚަބަރެވެ. އަދި މި ޚަބަރުގެ ސަބަބުން އޭނާގެ ޗުއްޓީ ދުވަސް އިތުރަށް ރަނގަޅުވެއްޖެ ކަމަށް ވެސް ބުނެފައިވެ އެވެ.
އަމީތާބު ވަނީ ދީޕިކާ އާއި ކެޓުރީނާ ކުރިމަގުގައި ކުޅޭނެ ފިލްމުތަކަށް ވަރަށް ރަނގަޅު އެކްޓަރެއްގެ ވަނަވަރު ޖޮބް އެޕްލިކޭޝަނެއްގެ ގޮތުގައި ލިޔެފަ އެވެ.
ޖޮބް އެޕްލިކޭޝަންގައި އަމީތާބު ވަނީ އޭނާގެ ނަމާއި އުމުރު އަދި އުފަން ދުވަހާއި އިސްކޮޅު ވެސް ހިމަނާފަ އެވެ. އޭނާގެ އިސްކޮޅުގައި 6 ފޫޓު 2 އިންޗި ހުރުމާއެކު އިސްކޮޅުން ކުރުވެގެން މައްސަލައެއް ދިމާނުވާނެކަމަށް އަމީތާބު ބުނެފައިވެ އެވެ.
އަމީތާބުގެ މި ޖޮބް އެޕްލިކޭޝަނަށް ދީޕިކާ އާއި ކެޓުރީނާ ދޭ ޖަވާބެއް ބަލާހިތުން ތިބި ކަމަށް މި ޚަބަރަށް ކޮމެންޓް ކުރި ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
އެންމެ މަޖާކަމަކީ އަމީތާބު މިހާރު ގެންދަނީ ކެޓުރީނާ އާއި އާމިރާ އެކު "ތަގްސް އޮފް ހިންދުސްތާން" ގައި މަސައްކަތް ކުރަމުން ކަމެވެ. އަދި "ޕީކޫ"ގައި އޭނާ ވަނީ ދީޕިކާއާ އެކު ވެސް މަސައްކަތް ކޮށްފަ އެވެ.