20 ފެބުރުއަރީ 2018 - 06:31

ޓައިގާ ޝްރޮފް ބަތަލުގެ ބައި ކުޅެފައިވާ "ބާޣީ 2"ގެ ފުރަތަމަ ޓްރެއިލާ ލޯންޗުކުރަން ދެ ދުވަހަށް ވެފައި ވަނިކޮށް މީގެ ތިން ވަނަ ބައެއް ވެސް އުފައްދާނެކަން އިއުލާންކޮށްފި އެވެ.
"ބާޣީ" ފްރެންޗައިސްގެ ޕްރޮޑިއުސަރުން ހޯމަ ދުވަހު އިއުލާންކުރި ގޮތުގައި "ބާޣީ 3"ގެ ވެސް ބަތަލަކީ ޓައިގާ އެވެ. ތިން ވަނަ ބައި ވެސް ޑައިރެކްޓްކުރަން ހަަމަޖެހިފައިވަނީ ދެ ވަނަ ބައި ވެސް އުފެއްދުމުގެ ޒިންމާ ހަވާލުވެފައިވާ ކޯރިއޮގްރާފަރު/ޑައިރެކްޓަރު އަހުމަދު ޚާނެވެ.
މާޗް 30 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ބާޣީ 2" ގެ ބަތަލާ އަކީ ޓައިގާގެ ހަގީގީ ލޯބިވެރިޔާ ދިޝާ ޕަޓަނީ އެވެ. ދިޝާ ބުނީ އެ ފިލްމުގެ ފުރަތަމަ ޓްރެއިލާ އަށް އޭނާ ވެސް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާ ކަމަށެވެ.
ޓައިގާއާ އެކު މަސައްކަތް ކުރުމަކީ ހީކުރި ވަރަށް ވުރެ މާ އުނދަގޫ ކަމެއް ކަމަށް ދިޝާ އެއްބަސްވި އެވެ. ސަބަބަކީ ޓައިގާ އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ އެކްޓަރަކަށް ވާތީ އެވެ. އެހެންވެ އޭނާއާ އެއްވަރެއްގައި ހިފަހައްޓާލަން ވަރަށް ހިތްވަރު ކުރަން ޖެހުނު ކަމަށް ދިޝާ ބުންޏެވެ.
ޓައިގާގެ އަތުގައި ވަރަށް ހިތްގައިމު ރީތި ފިލްމުތަކެއް މިހާރު އެބަހުއްޓެވެ. މި ފިލްމުތަކުގެ ތެރޭގައި ހުރީ ރިމޭކް އާއި ސީކުއަލްތައް ކަން ވެސް ފާހަގަކޮށްލެވެ އެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދަ އިޔާ"ގެ ސީކުއަލް އާއި ސިލްވެސްޓާ ސްޓެލޯންގެ "ރާމްބޯ"ގެ ހިންދީ ރިމޭކް އަދި "ބާޣީ"ގެ ސީކުއަލް ހިމެނެ އެވެ.
"ބާޣީ"ގެ ފުރަތަމަ ބައިގެ ބަތަލާ އަކީ ޝްރައްދާ ކަޕޫރެވެ. މިފިލްމަށް ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ކާމިޔާބެއް ލިބިފައި ވެއެވެ. އަދި "ބާޣީ 2" އަށް ވެސް މިފަދަ ކާމިޔާބެއް ލިބޭނެކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.