19 ފެބުރުއަރީ 2018 - 11:57

ކޮލަމްބޯ (ފެބްރުއަރީ 19) - ސްރީ ލަންކާގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ މުހިންމު ބައިވެރިއެއް ކަމަށްވާ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ސަރުކާރުން ވަކިވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެސްއެލްއެފްޕީ އިން މި ގޮތަށް ނިންމީ ރޫޅިފައިވާ ކޯލިޝަން ސަލާމަތް ކުރެވޭތޯ ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާއާ އެކު ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރު ރަނިލް ވިކްރަމަސިންހަ އާއި ރައީސް ސިރިސޭނާއާ އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު އެވެ. ތިން ލީޑަރުން ވަނީ ލަންކާ އަށް މިހާރު ދިމާވެފައިވާ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އެސްއެލްއެފްޕީ އިން ކޯލިޝަނުން ވަކިވީ އެ ބައްދަލުވުމަށް ފަހު އެސްއެލްއެފްޕީގެ އިސް މެންބަރުންތަކެއް ރައީސް ސިރިސޭނާއާ ވަކިން ބައްދަލު ކުރެއްވުމަށް ފަހު އެވެ.
އެސްއެލްއެފްޕީގެ ޕާލަމެންޓް މެންބަރު އަދި ޕާލަމެންޓުގެ ނައިބް ރައީސް ތިލަންގާ ސުމަތިޕަލާ ވިދާޅުވީ އާ ބޮޑު ވަޒީރެއް އައްޔަން ކުރުމާ މެދު ސުޕްރީމް ކޯޓުގެ ލަފައެއް ސިރިސޭނާ ހޯއްދަވާނެ ކަމަށެވެ. އެކަމަކު ޔޫއެންޕީގެ މިނިސްޓަރަކު ވިދާޅުވީ ސަރުކާރެއް އުފެއްދޭ ވަރަށް ޕާލަމެންޓުގެ މެޖޯރިޓީ އެސްއެލްއެފްޕީ އަށް ލިބިގެން ނުވާ ކަމަށެވެ.
މިއަދު ބާއްވަން ޝެޑިއުލްކޮށްފައިވާ ޕާލަމެންޓުގެ ބައްދަލުވުން ފަސްކުރަން ސިރިސޭނާ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.