20 ފެބުރުއަރީ 2018 - 06:37

ސްޓްރޯކް ޖެހުމުން ސިކުނޑިއަށް ލިބޭ ގެއްލުން ކުޑަކޮށް، ސިކުނޑިއަށް ލިބޭ ގެއްލުން އޭގެ ޒާތުގައި ގުދުރަތީ ގޮތުން ފަސޭހަވާ ކަހަލަ ސިފަތަކެއް ލިބިފައިވާ ފަރުވާއެއް ސައިންްސްވެރިން ތަރައްގީކޮށްފި އެވެ.
އެމެރިކާގެ ޔުނިވަސިޓީ އޮފް ޖޯޖިއާ އާއި އަގޮސްޓާ ޔުނިވަސިޓީން ހޯދި މި ފަރުވާގެ ނަމަކީ އޭބީ126 އެވެ. މި ފަރުވާ ދެނީ އެކްސްޓްރާސެލިއުލާ ވެސިކްލްސް (އީވީ) ކިޔާ ފްލުއިޑުން ފުރިފައިވާ ސްޓްރަކްޗާއެއް ބޭނުންކޮށްގެންނެވެ. އެކްސޮޒޯމްސްގެ ނަން ކިޔާ މި އެއްޗަކީ އިންސާނުންގެ ނިއުރަލް ސްޓެމް ސެލްސް އިން އުފައްދާ އެއްޗެކެވެ.
މިހާރު ދޭ ސެލް ތެރަޕީގެ ވައްތަރުތަކަށް ވުރެ މި ފަރުވާ މާ ރަނގަޅުކަން ސައިންސްވެރިން ފާހަގަކޮށްފައިވެ އެވެ.
ސްޓްރޯކް ޖެހިފައިވާ މޮޑެލްތަކެއް ބޭނުންކޮށްގެން ސައިންސްވެރިން އޭބީ126 ފަރުވާ ދިނުމަށް ފަހު އެމްއާރްއައި ސްކޭން ބޭނުންކޮށްގެން ސިކުނޑިއަށް ވަމުންދިޔަ ގޮތް ދެނެގެންފަ އެވެ. މި ޓެސްޓުން ދެއްކި ގޮތުގައި ސްޓްރޯކް ޖެހުމުން ސިކުނޑިއަށް ލިބިފައިވާ އަނިޔާތައް މި ފަރުވާއިން 35 ޕަސެންޓް ދަށްވި އެވެ. އަދި ސިކުނޑީގެ ޓިޝޫތައް ހަލާކުވުން 50 ޕަސެންޓް ދަށްކުރެވުނެވެ. އެކްސޮޒޯމް ފަރުވާ އަކީ މިހާތަނަށް ސްޓްރޯކަށް އެއްވެސް ބަޔަކު ދިން ފަރުވާއެއް ނޫނެވެ.
އެމެރިކާގެ ސައިންސްވެރިން ފަހުން ވަނީ އޫރުގެ މޮޑެލްތަކެއްގައި ވެސް މި ޓެސްޓްކޮށްފަ އެވެ.
ޕްރި-ކްލިނިކަލް ނަތީޖާތަކަށް ބަލައި އިންސާނުންގެ މެދުގައި 2019 ގައި މި ދިރާސާ ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.
"ވަކި ނިއުރަލް އެކްސޮޒޯމް ފަރުވާ އިން ހަރަކާތްކުރުމުގެ ގާބިލްކަމަށް ހެޔޮ ބަދަލެއް އައިސްފައިވާނެ ކަމަކަށް މިހާތަނަށް އަހަރެމެންނަށް ލިބިފައި ވަނީ ވަރަށް ކުޑަކުޑަ ހެއްކެއް،" މި ދިރާސާގައި މަސައްކަތް ކުރައްވާ ސައިންސްވެރިއަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަނަވާރުންގެ މޮޑެލްތައް ބޭނުންކޮށްގެން މިހާތަނަށް ހަދާފައިވާ ޓެސްޓްތަކުން ވަރަށް ރަނގަޅު ނަތީޖާތަކެއް ދައްކާފައިވާ ކަމަށާއި ސްޓްރޯކް ޖެހޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަށީގެންވާ ގޮތަކަށް ބޮޑު ބައެއްގެ މަސައްކަތް އަނބުރާ އިއާދަވާ ކަމަށެވެ.