19 ފެބުރުއަރީ 2018 - 12:46

އިދިކޮޅު ޕާޓީތަކުން މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބޭއްވި އެއްވުމާ ގުޅިގެން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނަށް ތިން ތުހުމަތެއް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިދިކޮޅު ޕާޓީތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އައިމިނަތު ނާދިރާ އަށް ދެ ތުހުމަތުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

އެ މައްސަލަތަކުގެ ތަހުގީގަށް، އަލީ ހުސައިނާއި ނާދިރާ ރޭ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
އަލީ ހުސެއިން ރޭ ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ މާލޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރުމުގެ ތުހުމަތާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގެ އިތުރުން ފުލުހުންނާ ހަޑިހުތުރު ބަހުން މުއާމަލާތްކުރި ކަމުގެ ތުހުމަތު ކަމަށެވެ.
ނާދިރާ ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ކުރަނީ ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގެ އިތުރުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތެވެ. އެ ތުހުމަތަށް ހާޒިރުކޮށް، ވީޑިއޯ އެނަލިސިސްއެއް ހަދަން ފޮޓޯއެއް ނަގަން ފުލުހުން އެދުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ނާދިރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓުގެ އަމުރެއް ނެތި އެކަން ނުކުރެވޭނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.
މި ދެ މެމްބަރުންގެ އިތުރުން ގަލޮޅު ދެކުނު ދާއރާގެ މެމްބަރު އަހްމަދު މަހްލޫފް ވެސް ރޭ ވަނީ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
އެއްވުމާ ގުޅިގެން މި ތިން ބޭފުޅުންގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ތުހުމަތުތަކެއްކޮށް މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.