19 ފެބުރުއަރީ 2018 - 10:24

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ ށ: މި ގާނޫނު އަސާސީގެ 86 ވަނަ މާއްދާ އެހެން އޮތް ކަމުގައި ވިޔަސް ރައްޔިތުން އެ މައްޗަށް ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުންް ފާސްކުރުމަށް ޓަކައި ވޯޓަށް އަހަން ވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ.

އިދިކޮޅު މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރައްޔިތު އެންމެން އަމަލުކުރަން ލާޒިމް ގަރާރެއް މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން 43 މެމްބަރުން ހަމަވާ ޖަލްސާއަކަށް ކަމަށާއި އެ އަދަދު މިއަދުގެ ޖަލްސާގައި ހަމަނުވާ ކަމަށް. މިއަދުގެ ޖަލްސާގައި ހާޒިރުވެ ތިއްބެވީ 39 މެމްބަރުން. އެއީ ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި. ބެލެވޭ ގޮތުގައި މި މައްސަލަ މިއަދުގެ ވަގުތެއްގައި ބޭއްވުމަށް އަލުން ޖަލްސާ ބާއްވާނެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ މައްސަލަ ގަައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ފޮނުވަން ފާސްކޮށްފި. ލިބުނީ 38 ވޯޓު، ޖަލްސާގައި ހާޒިރުވެ ތިއްބެވީ ރިޔާސަތާ އެކު 39.

ބަހުސް ނިންމާލައިފި

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު: މި ގާނޫނުއަސާސީގައި އެއްވެސް މައްސަލައެއް ހުރި ކަމަށް ވަންޏާ އެ ބަހުސް ގާނޫނީ ގޮތުން ކުރަމާ ހިނގާ. ގާނޫނުއަސާސީ އެއީ ވަރަށް ބުރަ މަސައްކަތަކުން ކޮށްފައި އޮތް މަސައްކަތެއް. އެކި ގޮތްގޮތަށް މާނައެއް ނުކުރެވޭނެ މި ގާނޫނުއަސާސީ. އެހެން ކަމަށް ވަންޏާ މި ބަހުސް ގާނޫނީ ގޮތުން ކުރަން ޖެހޭނީ

ކުޅުދުއްފުށީ ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު: މި ގަރާރުގެ ބައެއް މާއްދާތަކުގެ ތެރޭގައި މަޖިލީހާއި އަދުލު އިންސާފުގެ ދާއިރާއާ ގުޅުން ހުރި މާއްދާތައް އެބަހުރި. އެ މާއްދާތައް ހިފެހެއްޓޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެ މާއްދާތައް ނުހިމަނައި، މި ގަރާރު ފާސްކުރެވިދާނެ.
ނިހާން ހުށަހެޅުއްވި ހުށަހެޅުއްވުމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ތާއީދު ކުރައްވައިފި
ވިލިމާލޭ ދާއިރާގެ މެމްބަރުން އަހުމަދު ނިހާން: ހިތާމައާ އެކު ފާހަގަކުރަން އިދިކޮޅު ފަރާތްތައް ޖަލްސާއިން ނުފެނުން. މިއީ ދުސްތޫރުގައި ބަޔާންކޮށްފައިވާ ކަންކަން. ރައީސް ފޮނުއްވި ތިން ގަރާރު ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ފޮނުވަން އަޅުގަނޑު ހުށަހަޅަން. މިއީ ހާއްސަ މައްސަލައަކަށް ވާތީ ވީހާ އަވަހަށް މިކަން ނިންމަން ވެސް އަޅުގަނޑު ހުށަހަޅަން.
ރައީސް ހުށަހެޅުއްވި ގަރާރު މަޖިލީހުގެ ފްލޯ އަށް ހުށަހަޅައި، މެމްބަރުން މިހާރު ވަނީ ބަހުސް ފަށައިފި
ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރަން ރައީސް ހުށަހަޅުއްވައިފި
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްލި ހާލަތުގެ ގަރާރު ހުށަހަޅަން ޖެހޭ ޖަލްސާގައި މަދުވެގެން 43 މެމްބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް. އެކަމަކު ޖަލްސާގައި ތިބީ 39 މެމްބަރުން ކަމަށް ވާތީ އިދިކޮޅުން ޖަލްސާ ބޮއިކޮޓް ކުރީ ކަމަށް އޭނާ ވިދާޅުވި.
ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް: 12 މެމްބަރުން ނުވައްދައި ޖަލްސާ ކުރިއަށް ގެންދާތީ އިދިކޮޅު ހަރަކާތުން ޖަލްސާ ވަނީ ބޮއިކޮޓް ކޮށްފައި. އެ 12 މެމްބަރުންނާ ނުލައި ބާއްވާ ޖަލްސާއަކީ ގާނޫނުއަސާސީއާ އެއްގޮތަށް ކުރިއަށް ގެންދާ ޖަލްސާއެއް ކަމަށް ގަބޫލެއް ނުކުރަން.
އިދިކޮޅު މެމްބަރުން މިއަދުގެ ޖަލްސާގައި ބައިވެރިއެއް ނުވޭ. ޖަލްސާ އަށް ހާޒިރުވެ ތިއްބެވީ 39 މެމްބަރުން.
ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ނިންމާފައިވާ 12 މެމްްބަރުން މަޖިލީހަށް ނުވައްދައި، މިއަދުގެ ހާއްސަ ޖަލްސާ ފަށައިފި. ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހަންމަދު
ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ނިންމާފައިވާ މެމްބަރު ސައުދުﷲ ހިލްމީ: އަޅުގަނޑުމެންނަށް ނުވަދެވޭނެ ކަމަކަށް ނިންމައިފައެއް ނެތް. އަޅުގަނޑުމެންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ. އަމުރުގައި އޮތީ ހުކުމަށް އަމަލުކުރުން ފަސްކުރި ކަމަށް އެކަނި.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ނިންމާފައިވާ މެމްބަރުން މަޖިލީހުގެ އިދާރާ އަށް ނުވެއްދި. އޭގެ ތެރެއިން ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ބެރިކޭޑް ޖަހާފައިވާ ބައެއް ހިސާބުތަކުން އެ މެމްބަރުން ވަނީ ބްލޮކް ކޮށްފައި. އެހެންވެ އެހެން ދިމަދިމާއިން ވެސް މަޖިލީހަށް ވަދެވޭތޯ އެ މެމްބަރުން އަންނަނީ މަސައްކަތް ކުރައްވަމުން.
ސަފާރީ ހެދުމުގައި ތިބި ގިނަ އަދަދެއްގެ ސިފައިން މަޖިލީހުގެ އިދާރާގައި މިހާރު އެބަތިބި.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ބާއްވާ ޚާއްސަ ޖަލްސާ އަށް، މަޖިލީހުގެ އިދާރާގެ ވަށައިގެންވާ ސަރަހައްދު ބަންދުކޮށް ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފި އެވެ.
މަޖިލީހުގެ އިދާރާގެ ވަށައިގެންވާ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ޝީލްޑާއެކު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މީޑިއާ ވެސް މަޖިލީހުގެ އިދާރާގެ ކައިރިއަށް ދިއުން ވަނީ ހުއްޓުވައިފަ އެވެ.
މިއަދު ހެނދުނު 11:00 ގައި ބާއްވާ ޖަލްސާ އަށް ބައެއް މެމްބަރުން މިހާރު ވަނީ މަޖިލީހުގެ އިދާރާ އަށް ވަޑައިގެންފަ އެވެ.
ސުޕްރީމު ކޯޓުން ރޭ ނެރުނު އަމުރުގައި ވަނީ، ޕާޓީ ބަދަލު ކުރުމަކީ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި އެ ކޯޓުން އަމުރުކޮށްފައިވާ ބަޔަށް އަމަލުކުރުން ފަސްކުރަން އަމުރުކޮށްފަ އެވެ. މިއާއެކު، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަދެވަޑައިނުގެންނެވޭނެ ކަމަށް ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި، ސުޕްރީމް ކޯޓުން ރޭ ވަގުތީ އަމުރު ނެރުނު ނަމަވެސް 12 މެމްބަރުންނަށް މިއަދުގެ ޖަލްސާ ވަޑައިގެންނެވޭނެ އެވެ. އަދި މިއަދުގެ ޖަލްސާ އަށް ވަޑައިގަތުމަށް އަންގައި އެ 12 މެމްބަރުންނަށް މަޖިލީހުގެ އިދާރާ އިން އިއްޔެ ދިން ދައުވަތު، ސުޕްރީމް ކޯޓުގެ ރޭގެ އަމުރާ ގުޅިގެން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ތަފުސީލް އަންނަނީ...