19 ފެބުރުއަރީ 2018 - 10:52

މިއުނިކް (ފެބްރުއަރީ 19) - ދުނިޔެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ އީރާން ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

މިއުނިކުގައި ކުރިއަށް ދިޔަ ސެކިއުރިޓީ ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ އީރާނުގެ އަތް ދަށަށް އިޒްރޭލް ދިޔަ ނުދޭނެ ކަމަށެވެ. އިޒްރޭލުގެ ސަރަހައްދުން ވައްޓާލި އީރާނުގެ ޑްރޯނުގެ ބައެއް ހިއްޕަވައިގެން ހުންނަވާ ނަތަންޔާހޫ ވިދާޅުވީ އިޒްރޭލުގެ ބާރު ހުރި މިންވަރު ބެލުމުގެ ފުރުސަތު އީރާނަށް ނުދޭނެ ކަމަށެވެ.
"މެދުއިރުމަތީގެ ސަލާމަތަށް އޮތް އެންމެ ބޮޑު ބިރަކީ ވެސް އީރާން،" ނަތަންޔާހޫ ވިދާޅުވި އެވެ. "މުޅި ދުނިޔެ ގުޅިގެން ނަމަވެސް އީރާނާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ."
އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވިދާޅުވީ ނަތަންޔާހޫ ދެއްކި ވާހަކަތަކުގައި އެއްވެސް އަގެއް ނެތް ކަމަށާއި އެހެންވެ އެ ވާހަކަތަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށެވެ. އެކަމަކު މެދުއިރުމަތީގައި އެންމެ ބޮޑު އުދުވާން ހިންގާ ގައުމަކީ އިޒްރޭލް ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.
އިޒްރޭލުން މިދިޔަ ހަފުތާގައި ވަނީ ސީރިއާގެ ސަރަހައްދުގައިވާ އީރާނުގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދީފަ އެވެ. އަދި އީރާނުގެ ޑްރޯނެއް ވަނީ އިޒްރޭލުގެ އުތުރުގެ ސަރަހައްދަކުން ވައްޓާލައިފަ އެވެ. ސީރިއާގެ ވައިގެ ދިފާއީ ބާރުތަކުން ހަމަލާދީ އިޒްރޭލުގެ ހަނގުރާމަ މަތީ އެފް-16 ގެ ބޯޓެއް ވަނީ ވައްޓާލައިފަ އެވެ.