15 ޖުލައި 2016 - 19:58

ވޮޝިންޓަން (ޖުލައި 15) - އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވާ ޑޮނަލްްޑް ޓްރަމްޕުގެ ރަނިން މޭޓަކަށް އިންޑިއާނާ ސްޓޭޓުގެ ގަވަރުނަރު މައިކް ޕެންސް ހަމަޖައްސާފައިވާ ކަމަށް އެމެރިކާގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.

ޓްރަމްޕުގެ ކެމްޕޭން ޓީމުން ނައިބް ރައީސް ރަސްމީކޮށް އިއުލާން ކުރާ ގޮތަށް އޮތީ މިއަދު އެވެ. ނަމަވެސް ފްރާންސްގެ ނީސްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ އިވެންޓް ވަނީ ފަސްކޮށްފަ އެވެ. ޓްރަމްޕުގެ ކެމްޕޭނާ ގުޅުން ހުރި ބައެއް ފަރާތްތަކުން އޭބީސީ ނިއުސް އަށް ބުނީ ނައިބް ރައީސްގެ ހުށަހެޅުން ޕެންސް ގަބޫލް ކުރައްވާފައިވާ ކަމަށެވެ. އެކަމަކު ފޮކްސް ނިއުސް އަށް ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވަނީ ނައިބް ރައީސްއަކާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
ޓްރަމްޕުގެ ރަނިން މޭޓަކަށް ވެދާނެ ކަމަށް ކުރިން ލަފާކުރި ބައެއް ބޭފުޅުންގެ ތެރޭގައި ހައުސް އޮފް ރިޕްރެޒެންޓޭޓިވްގެ ކުރީގެ ރައީސް ނިއުޓް ގިންގްރިޗާއި ނިއު ޖާޒީގެ ގަވަރުނަރު ކްރިސް ކްރިސްޓީ ހިމެނެ އެވެ.
ގަވަރުނަރެއްގެ ހައިސިއްޔަތުން އިދާރީ ހިންގުމުގެ ތަޖްރިބާގެ އިތުރުން ޕެންސް ވަނީ ގާނޫނު ހަދާ މަޖިލީހުގައި 12 އަހަރު ހޭދަ ކުރައްވައިފަ އެވެ. އެހެން ކަމުން ބައެއް ސިޔާސީ ފަރާތްތަކުން ބުނަނީ އުމުރުން 57 އަހަރުގެ ޕެންސަކީ، ކުރިން އިންތިޚާބީ މަގާމެއްގައި މަސައްކަތްކުރައްވާފައި ނުވާ ޓްރަމްޕަށް ލިބޭނެ ރަނގަޅު ބައިވެރިއެއް ކަމަށެވެ. އެކަމަކު އެމެރިކާ އަށް މުސްލިމުން މަނާ ކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ޚިޔާލަށް ޕެންސް ވަނީ ކުރިން ދެކޮޅު ހައްދަވައިފަ އެވެ.