އަސެންސިއޯ ވިދާލިއިރު ރެއާލަށް މުހިއްމު މޮޅެއް
އަސެންސިއޯ ވިދާލިއިރު ރެއާލަށް މުހިއްމު މޮޅެއް

މެޑްރިޑް (ފެބްރުއަރީ 19) - މާކޯ އަސެންސިއޯގެ ދެ ގޯލާ އެކު ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި 5-3 އިން ރެއާލް ބެޓިސްގެ މައްޗަށް ރެއާލް މެޑްރިޑުން މުހިއްމު މޮޅެއް ހޯދައިފި އެވެ.

މި މޮޅާ އެކު ލީގުގެ ހަތަރު ވަނައިގައި އޮތް ރެއާލަށް ވަނީ 23 މެޗުން 45 ޕޮއިންޓް ލިބިފަ އެވެ. ތިން ވަަނައިގައި އޮތް ވެލެންސިއާ އަށް ލިބިފައިވަނީ 24 މެޗުން 46 ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ރެއާލާ ދެމެދު 17 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ޕީއެސްޖީއާ ދެކޮޅަށް އަސެންސިއޯ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރޭގެ މެޗުގައި އޭނާ އަށް ފުރަތަމަ އެގާރައިން ވަނީ ފުރުސަތު ދީފަ އެވެ. ރޭގެ މެޗުގެ 11 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ ވެސް އަސެންސިއޯ އެވެ.

މެޗުގެ 33 ވަނަ މިނިޓްގައި އައިސްއާ މަންޑީގެ ލަނޑުން ބެޓިސް ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ބެޓިސް އަށް ލީޑު ލިބުނީ ރެއާލްގެ ނަޗޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ 20 މިނިޓް ތެރޭ ރެއާލުން ވަނީ ތިން ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ ސާޖިއޯ ރާމޯސް އާއި އަސެންސިއޯ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓައި ސާޖިއޯ ލެއޯން ބެޓިސް އަށް ލަނޑެއް ކާމިޔާބު ކޮށްދިން ނަމަވެސް އިތުރު ވަގުތުގައި ކަރިމް ބެންޒެމާ ޖެހި ގޯލާ އެކު ރެއާލް ވަނީ މި މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މެޗު ދިޔައީ ވަރަށް ހީނުކުރާ ގޮތަކަށް ކަމަށާއި ބެޓިސްގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށެވެ.

"މިއީ ވަރަށް ހީނުކުރާ ގޮތަަކަށް ދިޔަ މެޗެއް. އަހަރެމެން މޮޅަށް ކުޅޭއިރު ލަނޑެއް ނުޖެހި ދިޔަ ވަގުތު ވެސް އައި. އަބަދުވެސް އެލާޓްގައި ތިބެން ޖެހުނީ. އެކަމަކު މުހިއްމު ކަމަކީ އަހަރެމެންނަށް މޮޅެއް ހޯދިއްޖެ. ސީޒަންގެ މި ހިސާބުގައި މޮޅުވުމުގެ ސިލްސިލާއެއް ދެމެހެއްޓުމަކީ ވަރަށް މުހިއްމުކަމެއް،" ޒިދާން ބުންޏެވެ.

ރޭ ލީގުގައި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން ވަނީ އެތުލެޓިކް ބިލްބާއޯ އަތުން 2-0 އިން މޮޅުވެފަ އެވެ. އެތުލެޓިކޯގެ ލަނޑުތައް ޖަހައިދިނީ ކެވިން ގަމޭރޯ އާއި ޑިއޭގޯ ކޮސްޓާ އެވެ.