ޔޫކްރޭނުގެ ގައުމީ ކޯޗަކަށް ޝެވްޗެންކޯ
ޔޫކްރޭނުގެ ގައުމީ ކޯޗަކަށް ޝެވްޗެންކޯ

ކިއޭވް (ޖުލައި 15) - ޔޫކްރޭން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އެ ޓީމާއި އޭސީ މިލާނުގެ ކުރީގެ އެއް ވަނަ ފޯވާޑް އެންޑްރީ ޝެވްޗެންކޯ ހަމަޖައްސައިފި އެވެ.

ޔޫރޯގެ ގްރޫޕް ސްޓޭޖުން ޔޫކްރޭން ކެޓުމުން ކޯޗުގެ މަގާމުން މައިހޭލޯ ފޮމެންކޯ ވަކިކޮށްފައިވާއިރު ޝެވްޗެންކޯ މި އަހަރުން ފެށިގެން މަސައްކަތްކުރަމުން އައީ އޭނާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ.

ޔޫކްރޭން ގައުމީ ޓީމަށް 1995 އިން 2012 ވަނަ އަހަރުގެ ނިޔަލަށް 111 މެޗު ކުޅެދީ 48 ލަނޑު ޖަހާފައިވާ ޝެވްޗެންކޯގެ ކޯޗިންގެ މާބޮޑު ތަޖުރިބާއެއް ނެތެވެ. އޭނާގެ އެސިސްޓަންޓަކަށް މަސައްކަތްކުރާނީ، ޝެވްޗެންކޯ މިލާނަށް ކުޅުނުއިރު އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި އިޓަލީގެ ކުރީގެ އިތުބާރު ޑިފެންޑަރު މައުރޯ ޓަސޮއްޓީ އެވެ. މީގެ އިތުރުން ޔޫކްރޭނުގެ ޑައިނަމޯ ކިއޭވްގެ ކުރީގެ ކޯޗު ރައުލް ރިއާންޗޯ ވެސް ޝެވްޗެންކޯއާ އެކު މަސައްކަތްކުރާނެ އެވެ.

އޭސީ މިލާނަށް 1999 އިން 2006 އަށް 127 ލަނޑު ޖަހައިދީފައިވާ ޝެވްޗެންކޯ ވަނީ އެ ޓީމާ އެކު އިޓާލިއަން ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެއާ އެކު ބޮޑު އަގެއްގައި 2006 ވަނަ އަހަރު ޗެލްސީ އަށް ގެންދިޔަ ނަމަވެސް އެ ޓީމުގައި ކުރީގެ ކުޅުން ދެއްކޭ ގޮތެއް ނުވި އެވެ. ޔޫކްރޭނުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދާފައިވާ ޝެވްޗެންކޯ ހިމެނެނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފޯވާޑުންގެ ތެރޭގަ އެވެ. އޭނާ ވަނީ ބެލޮންޑިއޯ އެވޯޑް ވެސް ކާމިޔާބުކޮށްފަ އެވެ،

ޔޫކްރޭނަށް އެންމެ އަވަހަށް އޮތީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަނެވެ. އެ ޓީމު ހިމެނެނީ އައިސްލެންޑާއި ކްރޮއޭޝިއާ އާއި ފިންލެންޑާއި ކޮސޯވޯ އަދި ތުރުކީއާ އެއް ގްރޫޕެއްގަ އެވެ.