21 ފެބުރުއަރީ 2018 - 06:29

ޗުއްްޓީއެއް ހަދާލަން ދާނީ ލޯބިވެރިޔާ ނުވަތަ ފިރިމީހާ ގޮވައިގެން ހެއްޔެވެ؟ އެއީ ބޮލުމުގެ ރިހުމަކަށްވާ ނަމަ، ފިރިހެނުންނަށް ނުދެވޭ ކަހަލަ ތަނަކަށް ދިއުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. މިއީ ޔޫރަޕް ހިސާބުގަނޑުގައި ޗުއްޓީއެއް ހަދާލަން ދާ އިރު، އަންހެނުންނަށް ހިޔާރު ކުރެވިދާނެ ގޮތެކެވެ.

މި ފުރުސަތު ފަހިކޮށް ދެނީ ފިންލެންޑްގެ ކައިރީގައި އޮންނަ ކުޑަކުޑަ ރަށަކުންނެވެ. ރަށުގެ ނަމަކީ ސުޕަޝީ އައިލެންޑެވެ. ރަށުގެ ނަމުން ވެސް އެ އޮތީ އަންހެނުންނާ ގުޅިފަ އެވެ. އެހެންވެ މި ރަށަށް ފިރިހެނުން އެރުމުގެ ހުއްދައެއް ނެތެވެ. އެ ފުރުސަތެއް ނުވެސް ލިބޭނެ އެވެ. ސުޕަޝީ އައިލެންޑަށް ދެވޭނީ ހަމަކަނި އަންހެނުންނަށެވެ. މުޅި ރަށް ވެސް ހާއްސައީ އަންހެނުންނަށެވެ.
ސްޕަޝީ އައިލެންޑަކީ ނެޓްވާކިން ގްރޫޕް ސުޕަޝީން މެނެޖް ކުރާ ރަށެކެވެ. މިކަމުގައި އިސްކޮށް ހުރީ ސްޕަޝީގެ ބާނީ އަދި ސީއީއޯ ކްރިސްޓީނާ ރޮތު އެވެ. އޭނާ ބުނީ ސްޕަޝީ އައިލެންޑްގެ ވިސްނުން އައީ ހަމައެކަނި އަންހެނުން އެއްތައިވެލައިގެން ފިކުރާއި ހިޔާލާތާއި އައު ވިސްނުންތަކެއްގެ ދުނިޔެއެއްގެ ތެރޭގައި އުޅެލުމުގެ ފުރުސަތު ހޯދައި ދޭން ފެށި މަސައްކަތްތަކެއްގެ ތެރެއިން ކަމަށެވެ.
އެހެންވެ މި ރަށުގައި އަންހެނުންނަށް އެއްވެސް ފިކުރަކާ ނުލައި، އާންމު ދިރިއުޅުމުގެ ހާސްކަމުގެ ތެރެއިން ނިކުމެލާނެ ފުރުސަތު ލިބޭނެ އެވެ. ސްޕަޝީގައި ތަފާތު އެކި ވައްތަރުގެ ކަސްރަތާއި ދުޅަހެޔޮ ކާނާ ތަޖުރިބާކޮށްލުމާއި ރޫހާނިއްޔަތު ތާޒާކޮށްލައި ގުޅުން ބަދަހިކޮށްލުމުގެ ފުރުސަތު ވަރަށް ފަހިކޮށް ލިބިގެން ދާނެ އެވެ.
"މިއީ އަހަރެން އަމިއްލަ އަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓެއްގެ ތެރެއަށް ވަންނަން ވެގެން ފެށި މަސައްކަތްތަކެއްގެ ތެރެއިން ވުޖޫދަށް އައި ހިޔާލަކަށް ކުރި ކަމެއް،" 8.4 އޭކަރުގެ ރަށާ ބެހޭ ގޮތުން ކްރިސްޓީނާ އޭބީސީ ނިއުސް އަށް ބުންޏެވެ.
އޭނާ ބުނީ ސްޕަޝީ އައިލެންޑް ފަރުމާކޮށްފައި ވަނީ އަންހެނުންގެ އެ މީހުންގެ އަންހެންވަންތަކާއި އަންހެނުންގެ ބާރުވެރިކަން ވެސް އިހުސާސް ކުރެވޭ ގޮތަށް ކަމަށެވެ.
އެހެންވެ ސްޕަޝީ އައިލެންޑްގައި ޗުއްޓީ ހަދާލަން ޝައުގުވެރިވާ އަހެނުންނަށް ކުރިއަށް ހޫނު މޫސުމައި ނުވަތަ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ރަށް ހުޅުވައިލާނެ އެވެ. އޭގެ ކުރިން ޖޫން މަހުގެ ތެރޭގައި ވީއައިޕީން ދައުވަތު ދިގެން ރަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ދޭން ސްޕަޝީން ވަނީ ނިންމައިފަ އެވެ.
ސްޕަޝީ އައިލެންޑްގައި ފަސް ދުވަސް ހޭދަކޮށްލަން 3،000-6،000 ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަ ކުރަން ޖެހޭނެ އެވެ. އަދި ރަށަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭނީ އެކަމަށް ހާއްސަކޮށްފައިިވާ ފޯމެއް ފުރިހަމަކޮށް، ސީދާ ކްރިސްޓީނާގެ ހާއްސަ އިންޓަވިއުއަކަށް ފަހު އެވެ. އެ އިންޓަވިއު ކުރާނީ ސްކައިޕް މެދުވެރިކޮށެވެ. ފޯމް ސްޕަޝީގެ ވެބްސައިޓުން މިހާރު ވެސް ލިބޭނެ އެވެ.
ތަރައްގީ ކުރުމުގެ މަރުހަލާގައި އަދި އޮތް ސްޕަޝީގައި ވިޔަފާރި އުސޫލުން ދޫކުރާނީ ހަތަރު ކެބިން ނުވަތަ ރޫމެވެ. އެއީ 10 ވަރަކަށް މީހުންނަށް ތިބެވޭ ގޮތަށް އަދި ހިއްސާ ކުރާ ގޮތަށް ފަރުމާކޮށްފައިވާ ރޫމްތަކެވެ.
"މިތަނުގެ ނުވަދިހަ ޕަސަންޓް މަސައްކަތް މިހާރު ވެސް ނިމިއްޖެ. ބުކިންސް އަށް ވެސް ހުޅުވާލައިގެން މި އުޅެނީ. މިހާރު ވެސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އެޕްލިކޭޝަން ލިބިފައި އެބަހުރި." ކްރިސްޓީނާ ބުންޏެވެ.
މިފަދަ އިތުރު ޕްރޮޖެކްޓްތަކެއް ވެސް ކުރިއަށް ގެންދަން ސްޕަޝީން ވަނީ ނިންމައިފަ އެވެ.