18 ފެބުރުއަރީ 2018 - 23:21

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މާދަމާ ބާއްވާ ޚާއްސަ ޖަލްސާގެ ދައުވަތު ފޮނުވައި، ފަހު ވަގުތު އެ މެމްބަރުން ނުވައްދަން ނިންމުމަކީ ސަރުކާރު ގޮތް ހުސްވެފައިވާ މިންވަރު ކަމަށް އިދިކޮޅު މެމްބަރުން މިރޭ ވިދާޅުވެއްޖެ އެވެ.

ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ކަނޑައަޅައިފަ އެވެ. އެ އަމުރު ތިން ފަނޑިޔާރުން ފަހުން ބާތިލްކުރެއްވި އިރު ވެސް މެމްބަރުންނާ ގުޅޭ ބައި ބާތިލެއް ނުކުރެ އެވެ.
އެކަމަކު ސުޕްރީމް ކޯޓުން މިރޭ މެމްބަރުންގެ ގޮނޑިއާ ގުޅޭ ބަޔަށް އަމަލުކުރުން ފަސްކުރަން އަމުރު ނެރުނީ، ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ ހަމަވާތީވެ މާދަމާ އަށް މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމާފައި ވަނިކޮށެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ މިރޭގެ އަމުރު އައީ، ސަރުކާރުން ބޭނުންވި ގޮތަށެވެ. ވެރިކަން ކުރާ ޕީޕީއެމުން އެދިގެން ގޮނޑި ގެއްލުވާލި 12 މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިގެންފި ނަމަ އަޣުލަބިއްޔަތު އޮންނާނީ އިދިކޮޅު ފާޓީތަކަށް ކަމަށާއި އެ ހާލަތުގައި ސަރުކާރުން ބޭނުންވާ ކަމެއް މަޖިލީހަކުން ނުނިންމޭނެ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.
އެހެންވެ، ގާނޫނާ ޚިލާފަށް ސަރުކާރުން މިރޭ ވެސް އަމަލުތަކެއް ހިންގީ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން އެއް ކަމެއް ވެސް މި ސަރުކާރުން ނުކުރާނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ބާކީ ތިއްބެވި ތިން ފަނޑިޔާރުން ލައްވައި އަމުރު ނެރުނީ ބޮޑުތަނުން ސަރުކާރު ބަލިވާނެ ކަން ޔަގީންވާތީ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ވިދާޅުވީ ސުޕްރީމް ކޯޓުން މިރޭ ނިންމުން އައީ ސަރުކާރުން ބޭނުންވި ގޮތަށް ކަމަށެވެ. މިއީ، އަނާރާ ސިފަކުރެއްވި ގޮތުގައި، "ރައްޔިތުންގެ ހައްގުތަކަށް" ފާޅުގައި އަރައިގަތުމެވެ.
އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ބާރުތައް ހިފަހައްޓައިގެން މި ސަރުކާރުން އަމަލުކުރާ ގޮތުން މުއައްސަސާތަކުގެ ނިންމުންތަކާ މެދު ސުވާލު އުފެދެ އެވެ.
ރޮޒައިނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ މިހާރު ތިއްބެވި ތިން ފަނޑިޔާރުންގެ ހައްގުގައި ވެސް އިދިކޮޅު ފަރާތްތަކުން ނިކުންނަން ޖެހޭ ދުވަސް އަންނާނެ އެވެ.
ސުޕްރީމް ކޯޓުން މިރޭ އަމުރު ނުނެރުނު ނަމަ، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަކަށް ނުލިބޭނެ އެވެ. މެމްބަރުންގެ އަދަދުން ވޯޓު އެއްވަރުވާނެ އެވެ.
އެކަމަކު މިރޭގެ އަމުރާއެކު، މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަށް ޖަލްސާގެ ދޮރު ބަންދުވީ އެވެ. އެއާއެކު، މަޖިލީހުގެ ސާފު އަޣުލަބިއްޔަތެއް ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް ލިބޭނެ އެވެ.
މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި މިހާރު ތިއްބެވީ 41 މެމްބަރުންނެވެ. އިދިކޮޅު މެމްބަރުންގެ ގޮތުގައި 44 މެމްބަރުން މިހާރު އެބަތިއްބެވި އެވެ.
އެކަމަކު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހުންނެވީ ހައްޔަރުކޮށްފަ އެވެ. އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުންނެވީ އަމިއްލަ އަށް އަރުވާލެއްވިގެން ޖަރުމަނުވިލާތުގަ އެވެ. އެހެންކަމުން، މި ހަތަރު މެމްބަރުން ވެސް މާދަމާގެ ޖަލްސާ އަށް ހާޒިރުވާނެ ކަމަކަށް ނުބެލެވެ އެވެ.