18 ފެބުރުއަރީ 2018 - 22:36

ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭގައި 10،000އަށް ވުރެ ގިނަ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށާއި އަދި އެ ފްލެޓްތައް ލިބޭ މީހުން ވަރަށް އަވަހަށް ކަނޑައަޅައި، އިއުލާން ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މައްޗަންގޯޅި އާއި ހެންވޭރުގެ މީހުންނާ ބައްދަލު ކުރުމަށް ޕީޕީއެމުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި މިހާރު ވެސް 7،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ކުރިއަށް ދާއިރު ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި 1،530 ފްލެޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި މި ހުރިހާ ހައުސިން ޔުނިޓްތަކުގެ ޖުމްލަ އަދަދު، 10،000އަށް ވުރެ މައްޗަށް ދާއިރު އެ ފްލެޓްތައް ލިބޭނެ މީހުން ސީދާ ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ކަނޑައަޅުއްވައި އިއުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ އެކަމުގެ ހަބަރުތައް، އެ މަރުހަލާތަކުގެ ހަބަރުތައް ލިބިވަޑައިގަންނަވާނެ. އެހެންވެ، ޒުވާނުން ވެސް، އިސް ރަށްވެހިން ވެސް އެކަނިވެރި މައިން ވެސް އެކި ފަރާތްތަކުން މިއާމެދު ވިސްނަވާ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގައި ދިރިއުޅޭ ސިވިލް ސާވަންޓުންނަށް ހާއްސަކޮށްގެން އަޅާ ފްލެޓްތަކަށް 2،100 އަށް ވުރެ ގިނަ މީހުން ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން 50 ޕަސެންޓް މީހުންނަށް "ފްލެޓް ޔަގީން" ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އާއްމުންނަށް ހާއްސަކޮށްގެން އެންމެ ފުރަތަމަ ހައުސިން ޔުނިޓްތަކެއް އަޅާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1990 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން، އަޅާފައިވާ ފްލެޓްތަކުގެ އަދަދު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް 4،000އަށް ވެސް ނާރާ ކަމަށާއި އެކަމަކު މި ވެރިކަމުގައި މިހާތަނަށް 7،000އަށް ވުރެ ގިނަ ފްލެޓްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި، 80،000 މީހުންނަށް އަމާޒުކޮށްގެން ރައީސް ފައްޓަވާދެއްވި ހިޔާ މަޝްރޫއުގެ މަސައްކަތް ވެސް ފާހަގަ ކުރައްވާފަ އެވެ.
"ގެދޮރުގެ މައްސަލައާ އެއްވަރުގެ ހައްލެއް އެ މަނިކުފާނު އެ ގެނެސްދެއްވަނީ. އެއް ބެޑްރޫމް، ދެ ބެޑްރޫމްގެ ތަންތަން. ސޯޝަލް ހައުސިން އަދި މެދު ފަންތީގެ ތަންތަން ވަރަށް އަވަހަށް ފެންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވަނީ ރައީސް ޔާމީންގެ މި ތަރައްގީ ފެންނާތީ ވީހާ ވެސް ގިނަ ބަޔަކު އެ މަނިކުފާނަށް ތާއީދު ކުރުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ހޮވުމަށް، އަމަލީ ގޮތުން ބައިވެރިވުމަށާއި ކެމްޕޭން މަސައްކަތުގައި އާއި ގޭގެއަށް ދިޔުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
މި ސަރުކާރުން އެޅި އެންމެ ފުރަތަމަ ފްލެޓްތައް ހަވާލުކޮށް، އެ ތަންތަނުގައި މިހާރު މީހުން ދިރިއުޅެން ވަނީ ފަށައިފަ އެވެ. އެކަމަކު އެ ފްލެޓްތައް ދިން ބައެއް މީހުންނަކީ އޭގެ ހައްގު ވެރިން ނޫން ކަމަށް ބުނާ ލިސްޓެއް ލީކުވުމާއެކު މުއިއްޒަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.