ހަތަރު ގައުމަކުން ބެއިލީ އަށް ފުރުސަތު ހުޅުވިފައި
ހަތަރު ގައުމަކުން ބެއިލީ އަށް ފުރުސަތު ހުޅުވިފައި

ލަންޑަން (ފެބްރުއަރީ 19) - ބަޔާ ލެވަކޫސަން އަށް ކުޅެމުން އަންނަ ޖެމެއިކާ އަށް އުފަން ވިންގާ ލެއޮން ބެއިލީ އަށް ހަތަރު ގައުމަކަށް ކުޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބެއިލީ ވަނީ ޖެމެއިކާގެ 23 އަހަރުން ދަށުގެ ޓީމަށް މެޗެއް ކުޅެފަ އެވެ. އެއީ 2015 ވަނަ އަހަރުގެ މާޗް މަހު ކޭމަން އައިލެންޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ މެޗުގައި ބެއިލީ ވަނީ ލަނޑު ވެސް ޖަހައިފަ އެވެ.

ބެއިލީ އަށް ޖެމެއިކާ ސީނިއާ ޓީމުން ކުޅުމުގެ ފުރުސަތު އެކި ފަހަރު މަތިން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ދީފަ އެވެ. އެހެން ނަމަވެސް ބެއިލީ އެ ގޮތަށް ބޭނުމެއް ނުވި އެވެ. ޖެމެއިކާ ޓީމުގެ ކުރީގެ ކޯޗު ވިންފްރިއެޑް ޝާފާ ބުނި ގޮތުގައި ބެއިލީގެ އާއިލާ ބޭނުންވަނީ އޭނާ ޖެމެއިކާ ނޫން ގައުމީ ޓީމަކަށް ކުޅުމަށެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި މި ފަހަރު ރަޝިއާ އަށްދާ އިނގިރޭސި ގައުމީ ޓީމުގައި ބެއިލީ ހިމެނުމަށް އިންގްލެންޑް ގައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބޭނުންވެ އެވެ. އެހެން ނަމަވެސް މި ކަމަށް އިންގްލެންޑަށް އޮތް ހުރަހަކީ ބެއިލީގެ އާއިލާ އަށް ބެލްޖިއަމް އާއި މަލްޓާ އަދި ޖެމެއިކާ އިން ވެސް ހުށަހެޅުންތައް ލިބިފައިވުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން އިންގްލެންޑުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރަސްމީކޮށް ބެއިލީ އަށް ހުށަހަޅާނެ އެވެ. އަދި ބެއިލީ އިންގްލެންޑަށް ކުޅުވުމަށް މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރަހީމް ސްޓާލިންގެ އެހީ ހޯދާނެ ކަމަށް ބެލެވެ އެވެ. ސްޓާލިން އަކީ ވެސް ޖެމެއިކާ އަށް އުފަން ކުޅުންތެރިޔެކެވެ. އަދި އޭނާ އަކީ ބެއިލީގެ ގާތް އެކުވެރިއެކެވެ.

މީގެ ކުރިން ވެސް އިނގިރޭސި ގައުމީ ޓީމަށް ވަނީ ޖެމެއިކާ އަށް އުފަން ގިނަ ކުޅުންތެރިންތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ ކުރީގެ ފޯވާޑް ޖޯން ބާންސް ހިމެނެ އެވެ.

އުމުރުން 20 އަހަރުގެ ބެއިލީ މި ސީޒަނުގައި އަންނަނީ ބަޔާ ލެވަކޫސަން އަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ގެންނަން ޓޮޓެންހަމް ހޮޓްްސްޕާސް އާއި ލިވަޕޫލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.