18 ފެބުރުއަރީ 2018 - 14:04

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް ވެސް، މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ އަށް ދައުވަތު ދީފި އެވެ.
އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅިތާ ހަ މަސް ވެފައި ވަނިކޮށް، މި މަހު 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިިިި ބުނެފައި ވަނީ، އެއީ އަދިވެސް މަޖިލީހުގެ މެމްބަރުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ) ވިދާޅުވީ މާދަމާގެ ޖަލްސާ އަށް 12 މެމްބަރުންނަށް މަޖިލީހުގެ އިދާރާ އިން ރަސްމީކޮށް ދައުވަތު ފޮނުވާފައިވާ ކަމަށެވެ. އެ މެމްބަރުންގެ އިތުރުން، އެކި ތުހުމަތަކުގައި ހައްޔަރު ކޮށްފައިވާ މެމްބަރުން ވެސް ޖަލްސާގައި ބައިވެރިކުރަން އެދޭނެ ކަމަށް ވައްޑެ ވިދާޅުވި އެވެ.
ފުލުހުން ތަހުގީގުކުރާ މައްސަލަތަކަކާ ގުޅިގެން ކަމަށް ބުނެ މި ވަގުތު ހައްޔަރުކޮށްފައި ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ އިތުރުން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނެވެ.
އީސީން ކަނޑައަޅާފައި ވަނީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މާދަމާ ހެނދުނު 9:00 ގައި ބާއްވަނީ ދައުރުން ބޭރު ޖަލްސާއެއް ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާ ގޮތުގައި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އަހަރުގެ ފުރަތަމަ ދައުރު ވަނީ ފެށިފަ އެވެ. މާދަމާ ބާއްވާ ޖަލްސާއާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. ހަމައެކަނި ބުނީ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާގެ ވެބްސައިޓަށް އަޕްލޯޑް ކުރުމަށް ފަހު މެމްބަރުންނަށް އަންގާނެ ކަމަށެވެ.