އިސްކޮޅު ކުރުކޮށް ހުންނަ ކުދިންނަށް ސްޓްރޯކްގެ ބިރު
އިސްކޮޅު ކުރުކޮށް ހުންނަ ކުދިންނަށް ސްޓްރޯކްގެ ބިރު

އުމުރުގެ އެހެން ކުދިންގެ އެވްރެޖް އިސްކޮޅަށް ވުރެ ދެ އިންޗި ކުރު ކުދިންނަށް، އުމުރުން ދުވަސް ވުމުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް މެޑިކަލް ރިސާޗަރުން ބުނެފި އެވެ.

އެފަދަ ކުދިންނަށް ވާގިނެތޭބަލީގެ ނުރައްކާ 11 ޕަސެންޓް އިތުރުކަމަށްވެ އެވެ. މިއީ އުމުރުން 7-11 އަހަރު އަދި 13 އަހަރުގެ އަންހެން ކުދިންނާއި ފިރިހެން ކުދިންގެ 300،000 ކުދިން ބައިވެރިކޮށްގެން ކޮށްފައިވާ ދިރާސާއެއްގެ ނަތީޖާ އެވެ.

މި ކުދިންގެ ތެރެއިން އުމުރުން ހަތް އަހަރުގެ ކުދިންގެ އެވްރެޖް ދިގުމިނަކީ ހަތަރު ފޫޓެވެ. އަދި 13 އަަހަރު ކުދިންގެ އެވްރެޖް ދިގުމިނަކީ ފަސް ފޫޓު ތިން އިންޗި އެވެ.

ނަތީޖާ ދެއްކި ގޮތުން ކުޑައިރު އެވްރެޖް އިސްކޮޅު ދެ އިންޗި ކުރު ކުދިންނަށް އުމުރުން ދުވަސް ވުމުން އިސްކީމިކް ސްޓްރޯކް ޖެހޭ ނިސްބަތް 11 ޕަސެންޓް އިތުރެވެ. މިއީ ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން އާއި ލޭ ގަނޑުލޭކޮޅެއްގެ ސަބަބުން ފޮނުވައިނުދެވިގެން ޖެހޭ ސްޓްރޯކެވެ.

ފިރިހެނުންގެ ތެރެއިން ސްޓްރޯކް ޖެހޭ 11 ޕަސެންޓް މީހުންގެ ސިކުނޑީގެ ނާރެއް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅޭ ގޮތް ދިމާވާ ކަމަށާއި ނަމަވެސް އަންހެނުންނަށް މި މައްސަލަ މިގޮތަށް ދިމާވެފައި ނެތް ކަމަށް މި ހޯދުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ޔުނިވަސިޓީ އޮފް ކޯޕަންހެގަންގެ ޕްރޮފެސާ ޖެނިފާ ބޭކާ ވިދާޅުވީ މި ދިރާސާއިން ހޯދުނު އެންމެ މުހިއްމު ކަމަކީ އިސްކޮޅުން ކުރު ކުދިންނަށް އުމުރުން ދުވަސް ވުމުން ސްޓްރޯކެއް ޖެހުމުގެ ނުރައްކާ އޮތުން ކަމަށެވެ.

"މިފަދަ ކުދިން ޖެހޭނެ އުމުރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ސްޓްރޯކެއްގެ ނުރައްކާ ކުޑަކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ގެންދަން،" އޭނާ ވިދާޅުވި އެވެ.

ދުރާލާ އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި ސްޓްރެސް އާ ދުރުވުން ހިމެނޭ ކަމަށް ޕްރޮފެސާ ވިދާޅުވި އެވެ.