18 ފެބުރުއަރީ 2018 - 13:53

ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ 900 އަށް ވުރެ ގިނަ ނަރުހުންނާއި ޑޮކްޓަރުން ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން، މި މަހު ކުރީކޮޅު ކުރި އިއުލާނު ބާތިލު ކުރުމަށް ފަހު އަލުން އިއުލާނު ކޮށްފައިވަނީ މެޑިކަލް އޮފިސަރުންނާއި ސީނިއާ މެޑިކަލް އޮފިސަރުން އަދި ނަރުހުން ހޯދުމަށެވެ. އެއީ 331 މެޑިކަލް އޮފިސަރުންނާއި ސީނިއާ މެޑިކަލް އޮފިސަރުން އަދި 595 ނަރުހުންނެވެ. މިއީ ޖުމްލަ 926 ވަޒީފާގެ ފުރުސަތެވެ.
ޝައުގުވެރިވާ ޑޮކްޓަރުންނާއި ނަރުހުން އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެ އެވެ. ޝަރުތު ހަމަވާ މީހުންގެ އިންޓަވިއު ވެސް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް އިއުލާނުގައި ބުންޏެވެ.
މެޑިކަލް އޮފިސަރުންނާއި ސީނިއާ މެޑިކަލް އޮފިސަރުން އަދި ނަރުހުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ ރޭންކަަށް ބެލުމަށް ފަހުގަ އެވެ. ސީނިއާ މެޑިކަލް އޮފިސަރުންގެ މުސާރަ 19،230ރ. އާއި 22،040ރ. އާ ދެމެދު އުޅޭއިރު ސާވިސް އެލަވަންސްގެ ގޮތުގައި 6150ރ.-8250ރ. ލިބޭނެ އެވެ. މެޑިކަލް އޮފިސަރުންގެ މުސާރަ އަކީ 19،230ރ-22040ރ. އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭނީ 8250ރ. އެވެ.
ނަރުހުންނަށް 5610ރ. ގެ މުސާރައިގެ އިތުރުން 2500ރ. ގެ އެލަވަންސެއް ދޭނެ އެވެ.
ހެލްތް މިނިސްޓްރީން ވަނީ މީގެ ކުރިން ވެސް ނަރުހުންނާއި ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ހޯދަން އިއުލާނުކޮށްފަ އެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ތަރުހީބެއް ނުލިބެ އެވެ.
ސިއްހީ ދާއިރާ އަށް އަންނަމުންދާ ކުރިއެރުންތަކާ އެކު އެ ދާއިރާ އަށް މީހުން ބޭނުންވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރިއާ އެކު ރާއްޖޭގެ ސިއްހީ ދާއިރާ އިތުރު ހަރުފަތަކަށް ބަދަލުވާ އިރު، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް އިސްކަން ދޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.