ސިދާރްތު-މަނޯޖް ބަޖްޕާއީގެ "އައްޔާރީ" ހީކުރިވަރެއް ނޫން
ސިދާރްތު-މަނޯޖް ބަޖްޕާއީގެ "އައްޔާރީ" ހީކުރިވަރެއް ނޫން

އެކްޝަން-ޑްރާމާ "އައްޔާރީ" މިދިޔަ ހުކުރު ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ. ސިދާރްތު މަލްހޯތުރާ އާއި މަނޯޖް ބަޖްޕާއީގެ މި ފިލްމުގެ ފުރަތަމަ ދެ ދުވަހުގެ އާމްދަނީ އަށް ބަލާއިރު މާ ރަނގަޅަށް ފިލްމު ނުހިނގާ ކަން ޔަގީންވެ އެވެ.

ފުރަތަމަ ދުވަހު މި ފިލްމަށް ލިިބިފައިވަނީ 33.6 މިިލިއަން ރުޕީސް އެވެ. ދެ ވަނަ ދުވަހު ވަނީ މިއަށް ވުރެ ވެސް ފިލްމުގެ ހިނގުން ދަށްވެފަ އެވެ.

"އައްޔާރީ" އަކީ ވަރަށް ކާމިޔާބުވާނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ފިލްމެކެވެ. ނަމަވެސް ސްކްރީންޕްލޭ ކަމުނުދިޔުމާއި ފިލްމު ކަމުނުދާތީ ވަރަށް ބޮޑަށް ދަނީ މަލާމާތް ރައްދުވަމުންނެވެ. އެހެންވެ ކުރިޔަށް އޮތް ދުވަސްތަކުގައި ފިލްމު މިއަށް ވުރެ ވެސް ބޮޑަށް ވެއްޓި ފްލޮޕްވާނެކަމަށް މިހާރު ވަނީ ލަފާކޮށްފަ އެވެ.

ނީރަޖް ޕާންޑޭ ޑައިރެކްޓްކޮށްފައިވާ "އައްޔާރީ" ނުހިނގަން މެދުވެރިވި އެއް ސަބަބަކަށް، އެ ފިލްމާ އެއް ދުވަހު ހޮލީވުޑްގެ މަޝްހޫރު ފިލްމު "ބްލެކް ޕެންތާ" ރިލިޒްކުރުން ހިމެނެ އެވެ. "ބްލެކް ޕެންތާ" އަށް އިންޑިއާގެ އޯޑިއަންސް ވަރަށް ބޮޑު ތަރުހީބެއް ވަނީ ދީފަ އެވެ.

ފިލްމާ މެދު ކްރިޓިކްސް ވެސް ހިތްހަމައެއް ނުޖެހެ އެވެ. ގިނަ ބަޔަކު ބުނެފައިވަނީ މަނޯޖް ބަޖްޕާއީގެ މޮޅު އެކްޓިން އަށް ވެސް ފިލްމު ސަލާމަތްކުރެވޭ ގޮތް ނުވި ކަމަށެވެ. އަދި ސިދާރްތު މަލްހޯތުރާ އަށް މި ފިލްމުގައި މާ ރަނގަޅަށް ޕާފޯމް ކުރެވިފައި ނުވާ ކަމަށް ފާޑުކިޔުންތެރިން ބުނެ އެވެ.

ރަކުލް ޕްރީތު ސިންގް ބަތަލާގެ ބައި ކުޅެފައިވާ މި ފިލްމު ބޭރު ގައުމުތަކުގައި ތަންކޮޅެއް ރަނގަޅަށް ހިނގާ ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް މިއީ ފިލްމު ފްލޮޕް ނުވެ ސަލާމަތް ކުރެވިދާނެ ވަރުގެ އަދަދުތަކެއް ކަމަކަށް ނުބެލެވެ އެވެ.