21 ފެބުރުއަރީ 2018 - 06:32

ބައިސްކަލަކީ ތަހުޒީބީ ގައުމުތަކުގައި މިހާރު ގިނަ ބަޔަކު ބޭނުންކުރާ އުޅަނދެކެވެ. ބައިސްކަލަށް އެކި ބަދަލުތައް އައިސް ތަރައްގީވަމުން އަންނަ ވަރަކަށް އެކި ފާޑުގެ ބައިސްކަލް ވެސް އަންނަނީ ވުޖޫދު ވަމުންނެވެ. މީގެ ތެރެއިން ފެނުނު އެންމެ އާދަޔާ ޚިލާފު އުފެއްދުމަކީ ލަކުޑި ބައިސްކަލެވެ.
ސްލޮވީނިއާގެ ކުންފުންޏަކުން އުފެއްދި މި ބައިސްކަލަށް ކިޔާ ނަމަކީ "ބިގް ބަޑީ" އެވެ. ލަކުޑި ފްރޭމަކަށް ފައްތާފައި ހުންނަ މި ބައިސްކަލަކީ ބެޓެރީގެ ބާރުން ދުއްވާ ބައިސްކަލެކެވެ. ފައިން އަނބުރާކަށް ނުޖެހެއެވެ. ބޮޑަށް ބޭނުންކުރެވެނީ ބެލެންސް ބައިސްކަލެއް ގޮތަށެވެ.
މި ބައިސްކަލަކީ ހެޔޮވަރުގެ މަޑު ދުވެއްޔެއްގައި ކުރިއަށްދާ ބައިސްކަލެކެވެ. މީގެ 250 ވޮޓުގެ މޯޓަރުގެ ބާރުގައި ގަޑިއަކު 25 ކިލޯމީޓަރު ބާރުމިނުގައި ދުއްވެއެވެ. ދެތިން ގަޑިއިރުން ޗާޖުކުރެވޭ 36 ވޯލްޓްގެ ބެޓެރީގެ ފުލް ޗާޖުގައި 48 ކިލޯމީޓަރު ކަޑައްތުކުރެވެއެވެ.
ބިގް ބަޑީގައި، ލަކުޑި ކަވަރު އެޅުވި ލެޑް ބައްތިއަކާއި ދެ މީހުންނަށް އިށީނދެވޭ ވަރުގެ މަޑިއަކާއި މަޑި ދަށުގައި ތަކެތި ރައްކާކުރެވޭނެ ޖާގަ ހިމެނެއެވެ. މި ބައިސްކަލުގެ ބަރުދަނުގައި ހުންނަނީ 30 ކިލޯއެވެ. މިއަށް 140 ކިލޯ އުފުލޭނެ ކަމަށްވެއެވެ. މި ބައިސްކަލު ގެއްލުނަސް ޗިޕޯލޯ ޓްރެކިން ސިސްޓަމް މެދުވެރިކޮށް ސްމާޓްފޯނުގެ އެހީގައި ހޯދޭނެއެވެ.