18 ފެބުރުއަރީ 2018 - 11:57

ހަރާރޭ (ފެބްރުއަރީ 18) - ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ޕީއެޗްޑީ ހޯއްދެވި ގޮތާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ތަހުގީގުގައި ޔުނިވާސިޓީ އޮފް ޒިމްބާބުވޭގެ ވައިސް ޗާންސެލާ ލެވި ނިއަގުރާ ހައްޔަރުކޮށްފި އެވެ.
ޒިމްބާބުވޭގެ އެންޓި ކޮރަޕްޝަން އެޖެންސީން ބުނީ މަގާމުގެ ނުފޫޒް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގައި ނިއަގުރާގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ. ޕީއެޗްޑީ ފާސް ނަގަން އަހަރުތަކެއް ވަންދެން ކިޔަވަން ޖެހުނު ނަމަވެސް ގްރޭސް އަށް ޕީއެޗްޑީ ދީފައި ވަނީ އޭނާ 2014 ވަނަ އަހަރު ޔުނިވާސިޓީއާ ގުޅުނުތާ އެއް މަސް ތެރޭގަ އެވެ.
ގްރޭސް ޕީއެޗްޑީ ހޯދި ގޮތުގެ ތަހުގީގު ފަށާފައި ވަނީ ޔުނިވާސިޓީގެ ސްޓާފުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. ސޯސިއޮލޮޖީ ޑިޕާޓްމަންޓުގެ މެންބަރުން ބުނެފައި ވަނީ ގްރޭސްގެ ޕީއެޗްޑީ ބާތިލްކޮށް ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށެވެ.
ގްރޭސްގެ ޕީއެޗްޑީއާ މެދު ކުރިން ވެސް ދިޔައީ ސުވާލު އުފައްދަމުންނެވެ. އޭނާ ޕީއެޗްޑީ ހެދި ދާއިރާއެއް ނޭނގެ އެވެ. ތީސިސް ޝާއިއުކޮށްފައެއް ނުވެ އެވެ. އެތައް ބަޔަކު އެ ވާހަކަ ދައްކަން ފެށުމުން ގްރޭސްގެ ތީސިސް އާއްމުކޮށްފައި ވަނީ، ހަތަރު އަހަރު ފަހުން، މިދިޔަ މަހު އެވެ.
ގްރޭސް އަށް ޕީއެޗްޑީ ފާސް ހަވާލުކޮށްފައި ވަނީ އޭނާގެ ފިރިކަލުން މުގާބޭ އެވެ. އެ ދުވަސްވަރު ޔުނިވާސިޓީގެ ޗާންސެލަރަކީ މުގާބޭ އެވެ.
ސިޔާސީ ހަރަކާތްތަކުގައި ގްރޭސް ބައިވެރިވާން ފެށުމާ އެކު ކެމްޕޭން ލިޔުންތަކުގައި ވަނީ އޭނާގެ ޑޮކްޓަރޭޓް ފާސް ބޭނުންކޮށްފަ އެވެ.
ޒިމްބާބުވޭގައި ގަދަބާރާ އެކު 37 އަހަރު ވެރިކަން ކުރެއްވި މުގާބޭގެ ވެރިކަން ނިމުމަކަށް އައީ މިދިޔަ ނޮވެމްބަރު މަހު އެވެ. މުގާބޭގެ ވެރިކަން މިދިޔަ އަހަރުގެ ފަހުކޮޅު ގެއްލުނީ ނައިބް ރައީސްގެ މަގާމުން އެމާސަން ނަންގަގްވާ ވަކި ކުރުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހި ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް ހޯދި ހިސާބުންނެވެ. އެންމެ ފަހުން ގޮތް ހުސްވެ މުގާބޭ ވަނީ ނޮވެމްބަރު 21 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ.
މުގާބޭގެ ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު ޔުނިވާސިޓީގެ ދަރިވަރުން ވަނީ ގްރޭސް އަށް ދީފައިވާ ޕީއެޗްޑީ އަނބުރާ އަތުލުމަށް ގޮވާލައިފަ އެވެ.