21 ފެބުރުއަރީ 2018 - 06:31

މިހާރު ގެންގުޅޭ ގިނަ ޑްރޯންތަކަކީ އަމިއްލައަށް ކޮންޓްރޯލްކުރުމުގެ ބަދަލުގައި އޭގެ ޒާތުގައި ބޮޑަށް ކޮންޓްރޯލްކުރާ ގޮތަށް އުފައްދާފައިވާ ޑްރޯންތަކެވެ. މީގެ ގިނަ ޑްރޯންތައް ޕްރޮގްރާމްކޮށްފައި ވަނީ ދުއްވަނިކޮށް ހުރަހެއް ކުރިމަތިވެއްޖެ ނަމަ އެއިން ރެކިލާނެގޮތަށެވެ. އެކަމަކު ސްކައިޑިއޯ އާރް1 އަކީ މުޅިން ތަފާތު ޑްރޯންއެކެވެ.
ކޮކާލެއްގެ ސިފައަށް ދެ ފަރާތަށް ދިގުއަކަ ބައްޓަމުގެ ދެ ފިޔަގަނޑާއި 12 ކެމެރާއާ އެކު ފަރުމާކޮށްފައިވާ މި ޑްރޯން އުފައްދާފައި ވަނީ ހުރަސްތަކުގެ ތެރޭން ވެސް އަމާޒުފަތްގަނޑު ހޯދައި، ކެރިގެން ކުރިމަތިލާ ގޮތަށެވެ. ކަރަންޓްނަރުތަކުގެ މަތިންނާއި ގަސްގަހުގެ މަތިންނާއި އަޑިން ވެސް މި ޑްރޯން ހުއްޓުމެއް ނެތި ފޮޓޯ ނަގަމުން ވީޑިޔޯ ނަގަމުންދެއެވެ.
ނަމަވެސް ފަހުގެ ޑްރޯންތަކެކޭ އެއްގޮތަށް ސްކައިޑިއޯ ވެސް ފޮޓޯ އަމާޒުކުރާ ސަބްޖެކްޓު ދޫކޮށެއްނުލައެވެ. މިކަމުގައި ވެސް ސްކައިޑިއޯ އުޅެނީ ހައެއްކަ ދަރަޖަ ކުރީގައެވެ. ސަބްޖެކްޓު ފަހާ ދުވަމުންދަނިކޮށް ކިތަންމެ ބައިބޯ، ޖަންގައްޔަކަށް ވަނަސް ފޯކަހެއް ނުގެއްލެއެވެ. ބަރާބަރަށް މަންޒަރު ނަގައި ރައްކާކުރަމުންދާނެއެވެ. ފެންގަނޑަކާ ހަމައަށް ދަންދެނެވެ. ކޯރުމަތިން ކަނޑުމަތިން ނުއުދުހެވޭކަމަކީ މީގެ ބަލިފައެވެ. މައްސަލައަކީ ފެންގަނޑުގެ ދައުރުވާ އޮއިވަރެވެ. ފެންގަނޑުގަނޑުގެ ހަރަކާތްތަކަށް މިއީ ބިރައްޓެހި ޑްރޯންއެކެވެ.
ސްކައިޑިއޯ އާރް1 އުދުއްސައިގަންނާނީ މީގެ މޯބައިލް އެޕްގެ އެހީގައެވެ. އިނގިލިން މައްޗަށް ކަހާލީމަ ޑްރޯން ހިނގައިގަންނާނެއެވެ. ދެން އިޚުތިޔާރުކުރާ ހަރަކާތަކަށް އިޝާރާތްކުރާނީއެވެ. ފޮލޯ، އޯބިޓް ނުވަތަ ސައިޑެވެ. އެހިސާބުން ފިލްމު ނެގުމުގެ ގިނަ ބާރުތައް އޮންނާނީ ޑްރޯންގެ ކިބައިގައެވެ. ނިންމާލަންވީމަ މަޑުމަޑުން ތިރިކުރުމަށް އިޝާރާތްކުރާނީއެވެ. އަދި ނެގި މަންޒަރުތައް، އެޕްގެ އެހީގައި ހޯދޭނެއެވެ. ބޭނުން ނަމަ ވަގުތުން އެޑިޓްކޮށްގެން ސޯޝަލް މީޑިއާގައި ހިއްސާ ވެސް ކުރެވިދާނެއެވެ.
ސްކައިޑިއޯ އުފައްދާފައިވަނީ އެލުމިނިއަމާއި ކާބަން ބޭނުނެކޮށްގެންނެވެ. ބޭނުމަކީ ލުއިކުރުމެވެ. މީގެ ބުރަފަތިތައް ހަރުކޮށްފައިވަނީ ދުނިގަނޑުގެ ވަށައިގެންނެވެ. އެހެންވީމާ ދަބަހަކަށްލައިގެން އުފުލައި ގެނގުޅެން ފަސޭހައެވެ. ގަޑިއަކު 20 މޭލު ބާރުމިނުގައި ދުއްވުމުގެ ކުޅަދާނަކަން ލިބިފައިވާ މި ޑްރޯންއަކީ ބެޓެރި ބަދަލުކުރެވޭ އެއްޗެކެވެ. ބަދަލުކުރާ ބެޓެރީގެ ބާރުގައި، ނުހުއްޓި 16 މިނިޓު ދުއްވޭނެއެވެ.
ސްކައިޑިއޯ އާރް1 މިހާރު ދުނިޔޭގެ ބާޒާރުގައި ވިއްކަން ހުރީ 2،500 ޑޮލަރަށެވެ.