20 ފެބުރުއަރީ 2018 - 06:34

ސުޝާންތު ސިންގް ރާޖްޕޫތުގެ "ކެދާރްނާތު" ގެ މަސައްކަތް ހުއްޓި، ފިލްމުގެ ޑައިރެކްޓަރު ގޮވައިގެން ޕްރޮޑިއުސަރުން މިހާރު ވަނީ ކޯޓަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު ފެށި މި ފިލްމު މިމަހުގެ ތެރޭގައި ރިލިޒްކުރެވޭނެކަމަށް ކުރިން ބެލެވުނަސް ޕްރޮޑިއުސަރުން ބުނަނީ ޑައިރެކްޓަރު އަބީޝެކް ކަޕޫރުގެ އެއްވެސް ކަހަލަ ޕްރޮފެޝަނަލްކަމެއް ނެތް ކަމަށެވެ.
މި ފިލްމަކީ ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ އަންހެންދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ތައާރަފްކުރަން ހަމަޖެހިފައިވާ ފިލްމެވެ. ނަމަވެސް އިންޑިޔާ ޑޮޓްކޮމް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސާރާގެ ފުރަތަމަ ފިލްމަކަށް ދެން ވާނީ ރޯހިތު ޝެޓީގެ "ސިމްބާ" އެވެ.
މިފަދަ މައްސަލައެއް ދިމާވެދާނެ ކަމަށް ބެކްއަޕް ޕްލޭނެއް ސާރާ ހަދާފައި އޮތް ކަމަށްވެ އެވެ. ފުރަތަމަ ފިލްމުގެ މަސައްކަތް ފެށިއިރުވެސް ސާރާއަށް ވަރަށް ގިނަ ފިލްމުތައް ލިބިފައި ހުއްޓެވެ. ނަމަވެސް ފުރަތަމަ ފިލްމު ނިންމާފައި ނޫނީ އިތުރު ފިލްމެއްގައި ސޮއިނުކުރަން އޭނާ އޮތީ ގަސްތުކޮށްފަ އެވެ.
"ސިމްބާ" އަކީ ވެސް ސާރާއަށް ކުޅެން ލިބި ގަބޫލުނުކޮށް އޮތް ފިލްމެއް ކަމަށްވެ އެވެ. އެހެންވެ "ކެދާރްނާތު" ހުއްޓުމުން "ސިމްބާ"ގައި ސޮއިކުރަން ސާރާ ނިންމާފައިވާ ކަމަށް މީޑިއާގައި ބުނެފައިވެ އެވެ.
"ސިމްބާ"ގެ ބަތަލާ އަކަށް އެކްޓަރަކު ހަމަޖެހިފައި ވިޔަސް ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް އަދި އެއީ ކޮން ބަތަލާއެއް ކަމެއް އިއުލާނެއް ނުކުރެ އެވެ. ރިޕޯޓްތައް ބުނަނީ މި ފިލްމާއެކު ސާރާ ބޮލީވުޑަށް ތައާރަފްކުރުމުގެ ޒިންމާ ވެސް ކަރަން އުފުލާނެ ކަމަށް ބެލެވޭ ކަމަށެވެ.
ރަންވީރު ސިންގް ބަތަލުގެ ރޯލު ކުޅޭ "ސިމްބާ" އަކީ ޓެލުގޫ ފިލްމު "ޓެމްޕާ"ގެ ރިމޭކް އެކެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު 28 ވަނަ ދުވަހު އެވެ.