20 ފެބުރުއަރީ 2018 - 06:33

ޔާރާ ޕްރޮޑަކްޝަނުން މިދިޔަ އަހަރު ގެނެސް ދިން ފިލްމް "ވިޝްކާ" އަށް ފަހު، އެ މީހުން މިހާރު އަންނަނީ އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ.
ބަތަލާ އައިޝަތު ރިޝްމީ ބުނީ އެ ފިލްމްގެ "މިހާރު އޮތީ ޕްރި ޕްރޮޑަކްޝަން މަރުހަލާގައި" ކަމަށެވެ.
"ސްކްރިޕްޓް ވެސް ނިމިފައި އޮތީ. ފިލްމްގެ ޕްރި-ޕްރޮޑަކްޝަންގެ ތެރޭގައި މިހާރު އުޅޭތީ އަދި ނެތް ފިލްމާ ބެހޭ ގޮތުން މާ ބޮޑު ޑިޓެއިލްއަލްކަށް ދެވޭކަށް،" ފިލްމަކީ ލޯބީގެ ލައިޓް-ހާޓެޑް ފިލްމެއްކަން ފާހަގަކޮށް އޭނާ ބުންޏެވެ. "ފިލްމް އަހަރެމެން ލޯންޗް ކުރާނީ ޝޫޓިން ވެސް ނިންމާފައި."
މިދިޔަ އަހަރު "ވިޝްކާ" އިން ސާކް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ހޯދި ރިޝްމީ ބުނީ، ޔާރާގެ އާ ފިލްމްގެ ބަތަލާއިންގެ ރޯލުން ފެނިގެން ދާނީ އޭނާ އާއި ކޮއްކޮ އަދި މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ ކަމަށެވެ. މި ފިލްމަކީ ރިޝްމީ ޑައިރެކްޓް ވެސް ކުރާނެ ކަމަށް ބެލެވޭ ފިލްމެކެވެ.
"މި އަހަރު ފިލްމްގެ މަސައްކަތް ފެށިޔަސް ހިއެއް ނުވޭ މި އަހަރު ފިލްމް ފެނިދާނެހެން. ރޯދަ މަސް ވެސް ކައިރިވެއްޖެ. އަނެއްކާ ރޯދައިގެ ފަހުން ވޯލްޑް ކަޕް ވެސް ފެށި، އަހަރުގެ ފަހުކޮޅަށްދާ އިރު، އިންތިހާބުގެ ކެމްޕޭން ވެސް އޮންނާނެ،" މިދިޔަ އަހަރު "ބޮސް" ޑައިރެކްޓް ކުރި ބަތަލާ ބުންޏެވެ. "އެހެންވެ ފިލްމެއް އަޅުވާ ކަހަލަ ރަނގަޅު ދަނޑިވަޅެއް މި އަހަރު ލިބޭނެހެނެއް ހިއެއް ނުވޭ."
އާއިލީ ފިލްމް ކުންފުނީގެ ފިލްމަކަށް ރިޝްމީ ތައްޔާރުވާ އިރު، އޭނާ އަށް އެހެން ދެ ފިލްމެއްގެ އޮފާ ވެސް ލިބިފައި އެބަ އޮތެވެ.
"އެ ދޭތީގެ ނެގޯޝިއޭޝަންގެ ނުވަދިހަ ފަސްޕަސަންޓާ ހަމައަށް ގޮސްފައި އޮތީ. އެކަމަކު ހީވަނީ އެ ދެ ފިލްމް ވެސް އަންނަ އަހަރުހެން ފެންނާނީ،" އިންސާނާ އާއި ކޮއި ބައްޕަ ބައޭބައޭގެ ވެސް ބަތަަލާ ބުންޏެވެ.
މިދިޔަ އަހަރު އެންމެ ގިނައިން ސްކްރީނުން ފެނުނު ބަތަލާ އައްޒަ މި ވަގުތު އުޅެނީ އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމް "ލީނާ" ގެ މަސައްކަތުގަ އެވެ. އޭނާ ޓައިޓްލް ރޯލް ކުޅޭ އެ ފިލްމްގެ ޝޫޓިން ކުރިއަށް ދަނީ އއ. އުކުޅަހުގަ އެވެ.