18 ފެބުރުއަރީ 2018 - 11:53

އައްޑޫ ހިތަދޫގެ ދެ ގެއެއްގައި އަލިފާން ރޯކުރި މައްސަލައިގެ ތުހުމަތަށް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވައިޓްވިލާގެ އާއި ދޮންލަފަރު ގޭގައި މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުގެ ރޭ ރޯކުރި މައްސަލާގައި ހައްޔަރު ކުރި ހަ މީހުންގެ ތެރޭގައި ކުޑަ ދެ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ކުޑަ ދެ ކުދިންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވެ އެވެ. ބާކީ ހަތަރު މީހުންގެ ބަންދަށް ޖެހީ 15 ދުވަހެވެ.
ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލިފާން ރޯކުރުމުގެ މަގުސަދަކީ ވެސް ހަމަނުޖެހުން އުފެއްދުން ކަމަށެވެ.
ވައިޓް ވިލާ ގޭގައި ރޯކޮށްލާފައި ވަނީ ކުޅިވަރު ފެންޑާއެއް ގޮތަށް ބޭނުން ކުރުމަށް ހަދާފައިވާ ތަނެއްގަ އެވެ. އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ. ދޮންލަފަރުގޭގެ ދެ ކޮޓަރިއަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އެ ގޭގެ އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު ދެން ހުރި ކޮޓަރި އަށް ހޫނުގެ އަސަރު ކޮށް ބައެއް ތަކެއްޗަށް ގެއްލުންވި އެވެ.
މާލޭގައި ބަހައްޓާފައި ހުރި ޑިސްޓްރިބިއުޝަން ފޮއްޓެއްގައި މިދިޔަ ބުދަ ދުވަހުގެ ރޭ ފަތިހު ރޯކޮށްލި މައްސަލައެއްގައި ވެސް ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ.