18 ފެބުރުއަރީ 2018 - 11:11

މެކްސިކޯ ސިޓީ (ފެބްރުއަރީ 18) - މެކްސިކޯ އަށް ހުކުރު ދުވަހު އައި ބިންހެލުމުގައި ލިބުނު ގެއްލުންތައް ބަލަން ސީނިއާ އޮފިޝަލުންތަކެއް ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓި 14 މީހުން މަރުވެއްޖެ އެވެ.

ހެލިކޮޕްޓަރުން ދަތުރުކުރި ފަރާތްތަކުގެ ތެރޭގައި މެކްސިކޯގެ އިންޓީރިއާ މިނިސްޓަރާއި ހުޅަނގު ދެކުނުގެ އޮއަޒާކާ ސްޓޭޓުގެ ގަވަރްނަރު ހިމެނެ އެވެ. އެކަމަކު އެ ދެ މީހުން ވަނީ ސަލާމަތްވެފަ އެވެ. އިންޓީރިއާ މިނިސްޓަރު އަލްފޮންސޯ ނަވައްރެޓެ ވިދާޅުވީ ހެލިކޮޕްޓަރު ވެއްޓުނީ ތިރި ކުރަމުން ދަނިކޮށް ޕައިލެޓަށް ކޮންޓްރޯލް ގެއްލުމުން ކަމަށެވެ. ހެލިކޮޕްޓަރުގައި ތިބި މީހުންގެ ތެރޭން އެއްވެސް މީހަކު މަރުވި ކަމެއް އަދި ޔަގީނެއް ނޫނެވެ.
މެކްސިކޯ އަށް ހުކުރު ދުވަހު އައި 7.2 ގެ ބާރު މިނުގެ ބިންހެލުމުގެ އަސްލު ހުރީ އޮއަޒާކާގަ އެވެ. ނަމަވެސް 217 މޭލު ދުރުގައިވާ ވެރިރަށް މެކްސިކޯ ސިޓީގެ އިމާރާތްތަކަށް ވެސް ވަނީ ލޮޅުން އަރައިފަ އެވެ. ބިން ހެލުމުގައި އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ.
އޮފިޝަލުން ބުނީ އަސްކަރީ ހެލިކޮޕްޓަރު ވެއްޓުނީ ބިންހެލުމުން ސަލާމަތްވި މީހުން އުފުލި ވެހިކަލްތަކެއްގެ މައްޗަށް ކަމަށެވެ. އޮކަޒާކާގެ ޕްރޮސެކިއުޓާ އޮފީހުން ބުނީ މަރުވި މީހުންގެ ތެރޭގައި ހަ މަހުގެ ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. މަންޒަރު ދުށް މީހުން ބުނީ ހެލިކޮޕްޓަރު ޖައްސަން އުޅުނު ސަރަހައްދުގައި ކަރަންޓް ކެނޑިފައިވާތީ އެ ސަރަހައްދު ވަރަށް އަނދިރި ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މެކްސިކޯ އަށް އައި ބިންހެލުމުގައި ވަނީ އެތައް ބަޔަކު މަރުވެފަ އެވެ.