19 ފެބުރުއަރީ 2018 - 09:58

ޕެރިސް (ފެބްރުއަރީ 18) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރެއާލް މެޑްރިޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ޕީއެސްޖީން ނުކުންނާނީ އިސް އުފުލައިގެން ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
ފްރާންސް ލީގުގައި ހޮނިހިރު ދުވަހުގެރޭ ޕީއެސްޖީ ވަނީ ސްޓްރަސްބޯގް އަތުން 5-2 އިން މޮޅުވެފަ އެވެ. އެ ޓީމު އެއް ވަނައިގައި 68 ޕޮއިންޓާ އެކު އޮތްއިރު ދެ ވަނައިގައި އޮތް މޮނާކޯ އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ.
މި މެޗުން މޮޅުވުމުން ޕީއެސްޖީ އަށް ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަަ ބުރުގެ ފުރަތަމަ ލެގުގައި މިދިޔަ ބުދަ ދުވަހުގެެރޭ ރެއާލް އަތުން 3-1 އިން ބަލިވި މެޗުން އަރައިގަންނަން ކުޑަ ހިތްހަމަ ޖެހުމެއް ލިބިފަ އެވެ. ޕީއެސްޖީ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ މަހު ހަ ވަަނަ ދުވަހު އެވެ.
އެމެރީ ބުނީ އެ މެޗުގެ ކުރިން ޕީއެސްޖީ އިތުބާރު ހޯދުން މުހިއްމު ކަމަށެވެ.
"މި މޮޅު ވަރަށް މުހިއްމު. އެއީ އެބަޖެހޭ ޗެމްޕިއަންސް ލީގުގައި ދެން އޮތް މެޗު (މެޑްރިޑް) މެޗުގެ ކުރިން އަމިއްލަ ދަނޑުގައި އިތުބާރު ހޯދަން. އަހަރެމެން މި އަންނަނީ އަމިއްލަ ދަނޑުގައި ހުރިހާ މެޗަކުން މޮޅުވަމުން،" ރޭގެ މެޗަށް ފަހު ކުރިން ސެވިއްޔާ އަށް ކޯޗުކޮށްދިން އެމެރީ ބުންޏެވެ.
އޭނާ ބުނީ ރެއާލް އަތުން ބަލިވުމުގެ މާޔޫސްކަމުގައި ނުތިބޭނެ ކަމަށާއި ދެ ވަނަ ލެގަށް ނުކުންނާނީ މޮޅުވާން ކަމަށެވެ.
"އަހަރެމެން މާޔޫސެއް ނުވާނަން. އިސް އުފުލައިގެން ކެރިގެން ކުރިމަތިލާނީ. ޕީއެސްޖީގެ ފެންވަރު އެބަހުރި،" އެމެރީ ބުންޏެވެ.
ރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ނޭމާ އަށް އެންމެ ރަނގަޅަށް ނުކުޅެވެ އެވެ. އެކަމާ ބެހޭގޮތުން އެމެރީ ބުނީ މުޅި ޓީމަށް ތަފާތެއް ގެނެވޭނީ ހުރިހާ ކުޅުންތެރިން މަސައްކަތް ކޮށްގެން ކަމަށާއި ވަކި ކުޅުންތެރިންގެ ކުޅުމަށް ބަލައިގެން ކުރިއަށް ދިއުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.