18 ފެބުރުއަރީ 2018 - 09:59

ވުލްފްސްބާގް (ފެބްރުއަރީ 18) – ފަހު ވަގުތު ރޮބަޓް ލެވަންޑޮސްކީ ވައްދާލި ލަނޑާ އެކު ވުލްފްސްބާގް އަތުން 2-1 އިން މޮޅުވެ ބަޔާން މިއުނިކުން ޖެހިޖެހިގެން 13 ވަނަ މޮޅު ހޯދައި ޖަރުމަން ލީގުގެ އެއް ވަނައިގައި 21 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އަންގާރަ ދުވަހުގެރޭ ތުރުކީގެ ބެސިކްޓަސްއާ ދެކޮޅަށް ކުޅެން އޮތުމުން ރޭގެ މެޗުގައި ބަޔާނުގެ ކޯޗު ޔުޕް ހެއިންކޭ ވަނީ ބައެއް މުހިއްމު ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދީފަ އެވެ.
މި މޮޅާ އެކު ބަޔާން އެއް ވަނައިގައި އޮތީ 59 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބެޔާ ލެވަކޫސަނަށް ލިބިފައިވަނީ 38 ޕޮއިންޓެވެ.
ވުލްފްސްބާގުގައި ކުޅުނު މި މެޗުގެ އަށް ވަނަ މިނެޓުގައި ޑެނިއެލް ޑިޑަވީ ވަނީ އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. ބަޔާނަށް އެއްވަރުކޮށްދިނީ 64 ވަނަ މިނެޓުގައި ސެންޑްރޯ ވޭނާ އެވެ. މެޗު އެއްވަރުވާން ދަނިކޮށް ބަޔާން ސަލާމަތްވީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޕެނަލްޓީއަކުން ބަދަލު ކުޅުންތެރިޔާ ލެވަންޑޮސްކީ ޖެހި ގޯލުންނެވެ.
ޔޫރަޕުގެ އެހެން ލީގުތަކަށް ބަލާއިރު ފްރާންސް ލީގުގައި ރޭ ޕީއެސްޖީ ވަނީ ސްޓްރަސްބޯގް އަތުން 5-2 އިން މޮޅުވެފަ އެވެ. އެ ޓީމު އެއް ވަނައިގައި 68 ޕޮއިންޓާ އެކު އޮތްއިރު ދެ ވަނައިގައި އޮތް މޮނާކޯ އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ.
ރޭގެ މޮޅާ އެކީ ޕީއެސްޖީ މި ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ރެއާލް މެޑްރިޑް އަތުން 3-1 އިން ބަލިވި މެޗުން އަރައިގަނެފަ އެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގެ 10 ވަނަ މިނެޓުގައި ސްޓްރަސްބޯގުން ކުރި ހޯދި އެވެ. އޭގެ ފަހުން ޕީއެސްޖީން ވަނީ ހޫލިއަން ޑްރެޒްލާ އާއި ނޭމާ އަދި އެންހެލް ޑި މަރިއާގެ ގޯލްތަކުން ލީޑު ހޯދައިފަ އެވެ. ސްޓްރަސްބޯގުން 67 ވަނަ މިނެޓުގައި ތަފާތު ކުޑަކޮށްފައިވަނިކޮށް ޕީއެސްޖީ އަށް އަލުން ތަފާތު ބޮޑުކޮށްދިނީ އެޑިންސަން ކަވަނީ އެވެ. އޭނާ ގޯލް ޖެހީ 73 ވަނަ މިނެޓާއި 79 ވަނަ މިނެޓުގަ އެވެ.