ލުކާކޫގެ ދެ ލަނޑުން މޮޅުވެ ޔުނައިޓެޑް ކުއާޓާ އަށް
ލުކާކޫގެ ދެ ލަނޑުން މޮޅުވެ ޔުނައިޓެޑް ކުއާޓާ އަށް

ހަޑްސްފީލްޑް (ފެބްރުއަރީ 18) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ ރޮމެލޫ ލުކާކޫގެ ދެ ގޯލުން 2-0 އިން ހަޑްސްފީލްޑް ޓައުން އަތުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ލުކާކޫ ޔުނައިޓެޑަށް ލީޑުނަގައިދިނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ހުއާން މަޓާ ޔުނައިޓެޑަށް ދެ ވަަނަ ލަނޑެއް ކާމިޔާބު ކޮށްދިނެވެ. އެހެން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު މެޗުގެ ރެފްރީ ކެވިން ފްރެންޑް ވަނީ މަޓާގެ ގޯލު އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ދެ ވަނަ ހާފް ފެށިގެން 10 މިނިޓް ތެރޭ ލުކާކޫ ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެެވެ. އެފްއޭ ކަޕްގައި އެންމެ ފަހުން ކުޅުނު 10 މެޗުގައި ލުކާކޫ ވަނީ 11 ގޯލު ޖަހައިފަ އެވެ.

ބަލިވުމުގެ ސަަބަބުން ރޭގެ މެޗުގައި ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ނުކުޅެ އެވެ. ޔުނައިޓެޑުން ބުނީ ޕޮގްބާ ސްކޮޑުން ބާކީ ކުރަން ޖެހުނީ މެޗު ފެށެން 12 ގަޑިއިރަށް ވެފައި ވަނިކޮށެވެ. އަދި ޗެމްޕިއަންސް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ބުދަ ދުވަހު ކުޅޭ މެޗުގައި ވެސް ޕޮގްބާ އަށް ކުޅެވުމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ލުކާކޫގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި އެހެން ނަމަވެސް ޕޮގްބާ ނެތުމުން ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ދިމާވި ކަމަށެވެ.

"ޕޮގްބާ ނުކުޅޭކަން އަހަންނަށް އެނގުނީ ހެނދުނު ގަޑީގައި ޑޮކްޓަރު ބުނުމުން. އެ ހިސާބުން އަހަރެން ވިސްނީ މެޗުގައި ޕޮގްބާ ނެތްތަން ފޫބެއްދޭނެ ގޮތެއް ހޯދަން. މި މެޗުގައި ލުކާކޫގެ ކުޅުން އަހަރެން ފާހަގަކުރަން،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ޕޮގްބާ ޔުނައިޓެޑްގައި ހުރީ ހިތްހަމަ ނުޖެހިފައި ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށްވާތީ އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ.

އެފްއޭ ކަޕްގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ޝެފީލްޑް ވެނިސްޑޭ އާއި ސްވަންސީ ސިޓީ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން މި ދެ ޓީމު ވަނީ ރީޕްލޭ މެޗެއް ކުޅެން ޖެހިފަ އެވެ. ބްރައިޓަން ވަނީ 3-1 އިން ކޮވެންޓްރީ ސިޓީ ބަލިކޮށްފަ އެވެ. އަދި ވެސްޓް ބްރޮމް ދަނޑުގައި ކުޅުނު މެޗުން ސައުތެމްޓަން މޮޅުވީ 2-1 އިންނެވެ.