18 ފެބުރުއަރީ 2018 - 07:00

ރާއްޖޭގެ ކުޅިވަރު ތާރީހު ދުށް އެންމެ ހުނަރުވެރި އެއް ކުޅިވަރު ކުޅުންތެރިޔާ އަދި 1970ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރުގައި ވިދާލި ސައްޔިދު ހަސަން ރޭ އަވަހާރަވެއްޖެ އެވެ.
އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލަސްކަންފުޅަށް ފަރުވާ ދެމުން އަންނަނިކޮށް އިންޑިއާގެ ކިމްސް ހޮސްޕިޓަލުގަ އެވެ.
ސައްޔިދު ހަސަން ވަނީ 1970 އާއި 1980 ގެ އަހަރުތަކުގައި އޭރު ރާއްޖޭގައި ކުޅުނު ހުރިހާ ކުޅިވަރެއްގައި ކާމިޔާބު ހޯދައިފަ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ، ޓީޓީ، ހޮކީ، ބައިސްކަލް ރޭސް، ޓެނިސް، އަދި ވޮލީބޯޅަ ހިމެނެ އެވެ. މި ހުރިހާ ކުޅިވަރެއްގައި ގައުމީ ޗެމްޕިއަންކަން ހޯއްދެވި އެވެ. ފުޓްބޯޅައިގައި ވިކްޓަރީ އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހާސިލްކުރެއްވި އެވެ.
ނިއު ރޭޑިއަންޓާއި ވިކްޓަރީގެ ކުރީގެ ގޯލްކީޕަރު ސައްޔިދު އަލީގެ ކޮއްކޮ ސައްޔިދު ހަސަން ފެނިވަޑައިގަތީ ވަކި ކުޅިވަރަކުން ހާއްސަ ވުމަށް ވުރެ ބޮޑަށް ހުރިހާ ކުޅިވަރެއްގައި ވެސް ހަރަކާތްތެރިވެވަޑައިގެންނެވި ތަނެވެ.
ސައްޔިދު ހަސަންގެ ކުޅިވަރު ހަޔާތުގެ އެންމެ ބޮޑު އެއް އުސްއައްޔަކީ، ރާއްޖޭގެ ޓީމެއް ބައިވެރިވި ބޭރުގެ ފުރަތަމަ ކުޅިވަރު މުބާރާތުގައި ވާދަކުރެއްވުމެވެ. އެގޮތުން 1973 ވަނަ އަހަރު ޗައިނާގައި އޮތް ތުރީއޭ ގޭމްސްއަށް ދިޔަ ޓޭބަލް ޓެނިސް ޓީމުގައި ހިމެނިވަޑައިގަތެވެ. އެ ފަހަރު ރާއްޖޭގެ ތީމުން ކުވެއިތު ބަލިކުރި އެވެ.