19 ފެބުރުއަރީ 2018 - 06:42

ހިތުގެ ވިންދު ބެލުމަކީ ސްމާޓްގަޑިތަކުން ކުރެވޭ ކަމެކެވެ. ސްމާޓްބޭންތަކުން ވެސް ވިންދު ބެލެ އެވެ. އެކަމަކު އެ ފަދަ އާލާތަކުން ލޭގެ ޕްރެޝަރު ބެލުން އަދި އެހާ އާންމެއް ނޫނެވެ.
ލޭގެ ޕްރެޝަރު ބެލުމަށްޓަކައި، އަތުކުރީގައި ގަޑީގެ ކަމަރު ތަންކޮޅެއް ބާރުކޮށް އަޅަންޖެހެ އެވެ. ސްމާޓްބޭންޑްތަކާއި ސްމާޓްގަޑިތަކުން ވިންދު ބަލަނީ ވެސް އަތުކުރި އަށް ކޮންމެވެސް ވަރަކަށް އޮބާލައިގެންނެވެ.
ސްމާޓްގަޑިތަކުން، ލޭގް ޕްރެޝަރު ދެނެގަނެވޭ ޒާތުގެ ޓެކްނޮލޮޖީއެއް، ސެމްސަންގް އަމިއްލަކުރަން އުޅޭ ވާހަކަތައް އެބަ ދެކެވެ އެވެ. އެކަމަށް ހުއްދަ އަށް އެދި ކަމާ ބެހޭ އިދާރާތަކަށް ލިޔެފައިވާ ކަމަށް ވެސް ބުނެވެ އެވެ.
ލޭގެ ޕްރެޝަރު ބެލުމަކީ ސްމާޓްގަޑިތަކުގެ މަސްއޫލިއްޔަތެއް ކަމަށް ހެދުމަށްޓަކައި އެންމެ މުހިންމީ އެ ކަމަށް ޚާއްސަ ސެންސަރެކެވެ. އަދި އެއީ ވެސް ސްމާޓްގަޑީގައި އިންދޭ ވަރުގެ ކުޑަ ސެންސަރަކަށް ވެސް ވާންޖެހެ އެވެ. އިންޓަނެޓް ޚަބަރުތައް ބުނާ ގޮތުގައި މި ކަމުގައި ސެމްސަންގް ވަނީ ކުރި ހޯދާފަ އެވެ.
ސެމްސަންގުން މީގެ ކުރިން މާކެޓަށް ނެރުނު ސްމާޓްގަޑިތަކާ ވައްތަރު ގޮތެއް ހުރި ނަމަވެސް، އަލަން އީޖާދުކުރާ ގަޑިތަކުގެ ބިންގަލަކީ "ޑިޖިޓަލް ހެލްތް" ކަމަށް ބުނެވެ އެވެ. މިއީ ސްމާޓް އާލާތްތައް އުފައްދާ ކުންފުނިތަކުން އަދި ސީރިއަސް ރޭހަކަށް ނުނިކުމެ އޮތް ފަންނެކެވެ.
ލޭގެ ޕްރެޝަރު ބެލޭ ގޮތަށް ސެމްސަންގުން އުފައްދާ ސްމާޓްގަޑިތަކުގައި އަމަކީ ސިފަޖެހޭނެ ވަކި ތާރިޚެއް އެ ކުންފުނިން ނުދެ އެވެ. އަދި އެކަމާ ބެހޭ ގޮތުން ސީރިއަސް ވާހަކަތަކެއް ވެސް އަދި ނުދައްކަ އެވެ.
ޑިވައިސްތައް މަޝްހޫރުކުރުމަށްޓަކައި ބްލޮގްތަކަށް ލީކުކޮށްލުމަކީ ޓެކް ކުންުފުނިތަކުން ލޯބިކުރާ ވިޔަފާރި ސްޓަންޓެކެވެ.