އަހަރެންގެ ހިޔާލީ ދުނިޔެ
އަހަރެންގެ ހިޔާލީ ދުނިޔެ

ބުދަ ދުވަހާ ގުޅޭ

ދަރުބާރުގޭގައި ފޮތް މައުރަޒެއް ހިނގަމުންދިޔަ ދުވަސްވަރެކެވެ. ރައްޓެހިންނާ އެކުގައި އަހަރެން ވެސް އެ ތަނަށް ދިޔައީމެވެ. ވަރަށް ބައިވަރު ފޮތް ހުއްޓެވެ. ހަމަ އެހެންމެ ވަރަށް ބައިވަރު މީހުން ވެސް އޮތެވެ. ފޮތް ގަތުމާއި، ސަކަރާތްޖެހުމުގައި ވަރަށް ގިނަ ވަގުތު އެ ތަނުގައި އަހަރުމެން ހޭދަކުރީމެވެ. ގެއަށް އައިސް އެހެން މީހުންގެ ފޮޓޯތައް އެ މީހުންނަށް ފޮނުވަން އުޅުމުގެ ތެރޭގައި ހައިރާންވާ ކަހަލަ ފޮޓޯއެއް ފެނުނެވެ. އަހަންނަށް އެ ފޮޓޯއަށް ބަލަން އިނދެވުނީއެވެ. ހިތުގައި ތަކުރާރުވަމުންދިޔައީ އެންމެ ސުވާލެކެވެ. އެއީ ކާކު ހެއްޔެވެ؟ އަހަންނާއި އެހެން ދެ ކުއްޖަކު އެކުގައި ނަގައިފައިވާ ފޮޓޯގެ ފަހަތުގައި ފެންނަންހުރީ ކޮން ޒުވާނެއް ހެއްޔެވެ؟ އަހަންނަކަށް ނަމެއް ނޭނގެއެވެ. އެހެންނަމަވެސް އެ މީހާ ދަންނަމެވެ. އެއީ އަހަރެންގެ ސޯލްމޭޓެވެ. އަހަރެންގެ ހުވަފެނުގެ ރަސްގެފާނެވެ. އެ މީހަކަށް ޓަކައި އަހަރެން އިންތިޒާރުކުރި މީހާއެވެ. ދެވަނަ ދެ މީހެއް ނޫނެވެ. ވަގުތުން ފޮޓޯ އެފްބީއަށް ލީމެވެ. އިންސްޓަގްރާމަށް ލީމެވެ. ދެން ވެސް މީސްމީޑިޔާގެ ހުރިހައި ދިމާއަކަށް އެ ފޮޓޯ ފޮނުވައިލީމެވެ. ސުވާލު އުފެއްދީމެވެ. ފަހަތުން ފެންނަންހުރީ ކާކު ހެއްޔެވެ؟ ކާމިޔާބެއް ނުވިއެވެ. އަހަރެންގެ އެކުވެރިންގެ ތެރޭގައި އޭނަ ދަންނަ މީހަކު ނެތެވެ.

ނަން ނޭނގޭ މީހާ ހޯދަން ޚުދު އަހަރެން ނުކުތީމެވެ. ބަލާނީ ކޮން ދިމާއެއް ހެއްޔެވެ؟ ހުރިހައި ދިމާއެކެވެ. މީހުން އެއްވާނެހެން ހީވާ ކޮންމެ ތަނެކެވެ. އޭނައަކީ އެހެން މީހެއްގެ ޙައްޤަކަށް ވެދާނެއެވެ. ދިވެއްސަކަށް ނުވެދާނެއެވެ. އޭނަގެ ރަށަށް އެނބުރިދިޔައީކަމަށް ވެސް ވެދާނެއެވެ. ލޯބީގެ ތީރުތައް އަހަރެން ފޮނުވީ ވައިގެތެރެއަށެވެ. އެއްވެސް އަމާޒެއް ނެތެވެ. މިސްރާބެއް ވެސް ނެތެވެ. އެކަމަކު އަހަރެންގެ ހުވަފެން ޙަޤީޤަތަކަށް ހަދައިދިން މީހާ ހޯދަން އަހަރެން ނިހާޔަތަށް ބޭނުންވިއެވެ.

ކާނިވަލުގައި އާތިފް އަސްލަމްގެ ޝޯ އޮތް ރެއެވެ. މާ ކުރިއްސުރެ ވެސް އަހަރެންގެ ހިތް ބުނަމުންދިޔައީ އެ ތަނުން އަހަރެންގެ ސޯލްމޭޓު ފެންނާނެ ކަމުގައެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. ހިތް ދައްކާ މަގުން ހިނގުމަކީ އަހަރެން ގަބޫލުކުރާ ފަލްސަފާއެކެވެ. ހަޔާތުގައި އަހަރެން ހޯދި ހުރިހައި ކާމިޔާބީއެއްގެ ވެސް ސިއްރަކީ އެއީއެވެ. ހިތަށް ކިޔަމަންވުމުގައި ސާބިތުވެ ހުރުމެވެ.

ޝޯއަށް ދާން ފެންވަރައިގެން ފުނާއަޅަން ހުއްޓައި މޫނިސާ ގުޅިއެވެ. އޭނައަކީ، އަހަރެންގެ އެންމެ ގާތް ދެ އެކުވެރިންގެ ތެރެއިން އެކަކެވެ.

"ހިނގާބަލަ މަށާއެއްކޮށް ޕާޓީއަކަށް،" މޫނިސާ އާދޭހާއެކުގައި ބުންޏެވެ. "ކަޒިންނެއްގެ ޕާޓީއެއް. ދާހިތެއް ނުވެސް ނެތް. އެހެންވެ ނުދާން ހުރީ. ދެންމެ މަންމަ ގުޅާފަ ބުނެފި ދާންޖެހޭނޭ. ބިޓު ވެސް މި ރޭ ބިޒީ. މަ ބޭނުމެއް ނޫން ގޭގެ މީހުންނާ އެއްކޮށް ދާކަށް. މަ ބޭނުމެއް ނޫން އެކަނިދާކަށް ވެސް."

އާނއެކޭ ބުނެވޭކަށް ނެތެވެ. ނޫނެކޭ ބުނާކަށް އަހަންނަކަށް ނުކެރުނެވެ. ޝޯ ކެންސަލު ކޮށްފައި ޕާޓީއަށް ދިޔައީމެވެ. ހޯދަންއުޅުނު ސޯލްމޭޓު ހުރީ އެ ތަނުގައެވެ. އަހަންނަށް އެންމެ ރީތި، ވިލުނޫ ކުލައިގެން އަތްދިގު ގަމީހެއް ލައިގެންނެވެ. އަހަންނަށް ކުރެވުނުހާ ވެސް ކަމަކީ ބަލަން ހުރެވުމެވެ. އަހަރެންނަށް ކުރެހުނު މޫނާއި އޭނަޔާ ވަރަށް ވައްތަރެވެ. ހަމަ އެ ލޮލެވެ. މޫނުގެ ބައްޓަމާއި، އިސްތަށިގަނޑާ ވެސް ދާދި އެއްގޮތެވެ. އެ މޫނަށް ހަށިގަނޑެއް ލިބިފައިވާތަން ފެނުމުން ހިތުގައި ވިކާލިހެން އަހަންނަށް ހީވިއެވެ. ހީވަނީ އެ މޫނު ބަލައިގެން އަހަރެން ކުރެހި ފޮޓޯއެއްހެންނެވެ. އަހަރެން ހިތަށްއެރިއެވެ. ކާކުކަން ނޭނގެނީސް މިރޭ އޭނަ ގެއްލުނުކަ ނުދޭނަމެވެ. ކޮންމެވެސް ބަހަނާއެއްދައްކައިގެން ވިޔަސް އޭނަޔާ ވާހަކަދެއްކޭތޯ ބަލަން ޖެހޭނެއެވެ.

"މޫންޓި!" އަހަރެން ބުނީމެވެ. "އެހެރަ ކުއްޖާއަށް އަހަރެން އިންޓްރަޑިއުސް ކޮށްދީބަލަ!"

މޫނިސާ ވަގުތުން އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެން ހޯހޯ ގޮވަގޮވާ ހުއްޓައި ގެންގޮސް އޭނަ ކުރިމަތީގައި ބެހެއްޓިއެވެ.

"ހުމޭރު! މީ މަގޭ ބެސްޓުފްރެންޑް ހަފޫ." މޫނިސާ ބުންޏެވެ.

އަހަރެން ވެސް ހުމޭރަށް ތަޢާރުފުކޮށްދިނެވެ. އަހަރުމެން ސަލާންކުރީމެވެ. ހުމޭރަކީ މޫނިސާގެ ރައްޓެއްސެކެވެ. އަހަރެން ކުޑަކޮށް ރަކިވެފައި ހުއްޓަސް ހުމޭރު ހުރީ ވަރަށް ހަމަޖެހިފައެވެ. އޭނަ ޖީބުން ޗުވިންގަމެއް ނަގައިފައި ކާލިއެވެ. އަހަންނަށާއި މޫނިސާއަށް ވެސް ޗުއިންގަމެއް ދިއްކޮށްލިއެވެ. އަހަންނަށް ބެލެނީ ހުމޭރުގެ މޫނަށެވެ. ކެނޑިނޭޅި ހިތް ކުރަމުންދިޔައީ އެންމެ ސުވާލެކެވެ. ހުމޭރާއި ފޮޓޯ އެހާ ވައްތަރީ ކީއްވެގެން ހެއްޔެވެ؟ ކޮންފަދަ ބޮޑު އިއްތިފާޤެއް ހެއްޔެވެ؟

"ހަފޫ!" އަހަރެންގެ ކޮނޑުގައި ކޮއްޓައިލައިފައި މޫނިސާ ބުންޏެވެ.

ރަނގަޅަށް ވިސްނައިލިއިރު އަހަރެން ހުރީ ގާވެފައެވެ. އަވަސްއަވަހަށް ޗުވިންގަމް އަނގަޔަށް ލީމެވެ. އޭގެ ރަހަޔާ އެކުގައި ހުމޭރުގެ ލޯބި ވެސް އަހަރެންގެ ހަށިގަނޑުތެރެއަށް ފޭދިގެންދިޔައެވެ. ސާފު ފެންފޮދެއްގެ ތެރެއަށް ލޭތިއްކެއް ގިރިގެންދާ ފަދައިންނެވެ. އަހަންނަށް އެނގުނު ގޮތުގައި ހުމޭރަކީ ހުސްހަށިބައި މީހެކެވެ. އަހަރެންނަށް އިންތިޒާރު ކުރަނީކަމަށް ވެދާނެއެވެ. އަހަންނަށް ވުރެ ހުމޭރު އެއް އަހަރު ދޮށްޓެވެ. އޭނަގެ މިޒާޖުގައި އަހަންނަށް ކަމުނުދާ އެންމެ ސިފައެއް ވެސް ނެތެވެ. އަހަރެންގެ މިޒާޖުގައި ހުމޭރަށް ކަމުނުދާ އެއްވެސް ސިފައެއް ނެތެވެ. އަހަރުމެންނަކީ ޚިޔާލީ ވާހަކަތަކުން ފެންނަ ކަހަލަ ލޯބީގެ ދިރިހުރި ނަމޫނާއެކެވެ.

ހުމޭރަކީ ޢާއިލާއެއްގައި ހުރި އެންމެ ފިރިހެންދަރިއެކެވެ. ވަރަށް ބަސްއަހާ ކުއްޖެކެވެ. ކުށުގެ އެއްވެސް ރެކޯޑެއް ނެތެވެ. އަހަރެން ހީކުރީ ކައިވެންޏަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. އެކަމަކު އަހަރެންގެ މަންމައާއި ބައްޕައަކަށް ހުމޭރު ކަމަކުނުދިޔައެވެ. ކީއްވެގެން ހެއްޔެވެ؟ މާލޭ މީހަކަށް ނުވީމައެވެ. މާލޭގައި ގެދޮރު ނެތީމައެވެ. ތަޢުލީމީގޮތުން އަހަންނަށް ވުރެ ހުމޭރުގެ ފެންވަރު މާ ބޮޑަށް ދަށްވީމައެވެ. އެކަމަކު އަހަރެންގެ ބޮލަށް ހުރީ ހުމޭރުގެ ލޯބި ސަވާރުވެފައެވެ. އަހަރެން ބުނާ އެއްވެސް ކަމަކަށް ހުމޭރު ދެކޮޅެއްނަހަދައެވެ. ކަކޫމައްޗަށް ތިރިވެ ކައިވެންޏަށް އެދުމަކީ އަހަރެންގެ ލޯބިވެރިޔާ ކުރަން އަހަރެން ވަރަށް ބޭނުންވި ކަމެކެވެ. އެ ކަން ވެސް އޭނަ ކުރިއެވެ. އަހަރެން ބޭނުންވި ގޮތަށެވެ. އޭނަޔާ ދުރުގައި ހުންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އޭނަ ގެއްލިދާނެތީ އަހަރެން ހުރީ ވަރަށް ކަންބޮޑުވެފައެވެ. ބައްޕަ ބޭނުންވީ އަހަރެން ކިޔަވަން ބޭރަށް ފޮނުވާށެވެ. އަހަންނަށް ވިސްނައިދިނުމަށް ޓަކައި ބައްޕަ އެތައް ވަގުތެއް ބޭކާރު ކުރިއެވެ. ތިން ގަޑިއިރު ވާހަކަދައްކައިފައި ވެސް ހުއްޓައިލުމުން އަހަރެން ބުނަނީ އެންމެ ޖުމުލައެކެވެ.

"ހުމޭރާ މެރީކުރަން ބޭނުމީ." ހިތުގައިޖެހިފައި އަހަރެން ބުނަމެވެ.

ބައްޕަގެ ބޯފަޅައިގެން ގޮސްގެން އެންމެ ފަހުން އަހަންނަށް ވިސްނައިދިނުން ހުއްޓައިލިއެވެ. ކައިވެންޏާ ދެކޮޅަށް ވާހަކަދެއްކުން މަންމައަށް ވެސް ޖެހުނީ ހުއްޓައިލާށެވެ. ހުމޭރުއާއި އަހަރެން ކައިވެނި ކުރުވިއެވެ. އެ ކައިވެންޏަކީ ލައްކަ ޒަމާނަށް ފަހު އަހަރުމެންގެ ޢާއިލާގައި ކައިވެންޏެއް ކުރެވުނު ފުރަތަމަ ފަހަރެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަން ޖެހޭނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. އެހެނެއް ނުވިއެވެ. އަހަރުމެންގެ ކައިވެންޏަށް އޮތީ ޒާތެއްގެ ހިޔަންޏެއްއެޅިފައެވެ. އަހަރެން ބޭނުންވި ގޮތަށް ބައްޕަ ޕާޓީ ބާއްވައިދިނެވެ. އަހަންނަށް ކޮށްދޭ ފަހު ކަމެއްގެ ގޮތުގައެވެ. ހުމޭރަކީ ޕާޓީއެއް ބޭއްވޭ ފެންވަރުގެ މީހެއް ނޫނެވެ. އޭނަގެ އެކައުންޓުގައި ދެ ހާސް ރުފިޔާ ވެސް ނެތެވެ. ރަންކިޔާއިރު ކިޔަންވާ އަދަދު މާ ކުރިން ހުމޭރު އޮތީ ބުނެފައެވެ. އެ ކަހަލަ ކަންކަމަކަށް އަހަރެން ނުވިސްނަމެވެ. އަހަރެންގެ އަމާޒަކީ އަހަރެންގެ ހުވަފެނުގެ ރަސްގެފާނު ހާސިލުކުރުމެވެ. އޭނަޔާ އެކުގައި ވިލާތަކަށް ވުރެ އުހުގައި ދަތުރުކުރުމެވެ. ހުމޭރުގެ އަތުން ތަރިތައް ނަގައިފައި އަހަރެންގެ އުނގަށް އެޅުމެވެ. ހަނދުގައި ކުޑަކުޑަ ގަނޑުވަރެއް އެޅުމެވެ.

ހުމޭރަކީ އަހަރެންގެ ޢާއިލާ ބަލައިގަތް މީހެއް ނޫނެވެ. އަމުދުން މަންމައާއި ބައްޕައެވެ. ވީމާ، ބައްޕަމެންގެ ލޯކުރިމަތީގައި އުޅެން އަހަރުމެންނަށް ވަރަށް އުނދަގޫވިއެވެ. ވައްބަހުންޖެހުމާއި، ހުމޭރުގެ ފަގީރުކަން ހުމޭރަށް ހަނދާންކޮށްދިނުމަކީ ބައްޕައަށް ނުކޮށް ނުހުރެވޭ ކަމަކަށް ވިއެވެ. ކޮންމެ އެއްޗެއް ވެސް ބައްޕަ ބުނަނީ ސަމާސަޔަށްކަމަށް ހަދައިފައެވެ. އަހަންނަށް ވިސްނުނުގޮތުގައި، މާލޭގައި އަހަރެން ހުރުމުގެ ބޭނުމެއް ނެތެވެ. ރީތި ދޮންވެލިގަނޑާއި، ހިތްގައިމު ދިޔަރެހެއް މާލެއަކު ނެތެވެ. ހުމޭރުގެ އުނގުގައި ބޯއަޅައިލައިގެން ދޮންވެލިގަނޑު މައްޗަކު އަހަންނަކަށް ނޯވެވޭނެއެވެ. ޤުދުރަތީ ހަމަހިމޭންކަމާއި، ފެހިކަން ގަދަ ގަސްތަކާއި، ކުލަކުލައިގެ މާތައް ވެސް މާލެއަކު ނެތެވެ. އިންޖީނުލީ އުޅަނދުތަކުގެ އަޑާއި، ބަރުގޮނުގެ އަޑާއި، ގެދޮރު ޢިމާރާތްކުރާ އަޑެއް ވެސް ރަށްފުށަކުން ނީވޭނެއެވެ. އެ ތަނުގައި އޮންނާނީ ހުމޭރުގެ ހުސްވުމެއް ނެތް ލޯތްބެވެ. ހެނދުނާއި ހަވީރު ހުދު ދޮންވެލިގަނޑުމައްޗަށް އަހަރުމެން ދޫކުރާ ފިޔަވަޅުތަކެވެ. އިރުއަރާ މަންޒަރާއި އޮއްސޭ މަންޒަރެވެ. ކޮވެލި ގޮވާ އަޑެވެ. ހުވަފެނީ ދުނިޔެއެއް އަހަންނަށް ހަނާއަޅާއިރު މާލޭގައި އަހަރެން ހާސްވެގެން އުޅުމުގެ ބޭނުމެއް ނެތެވެ.

ހުމޭރުގެ ރަށަށް އަހަރެން ދިޔަނުދޭން އަހަރެންގެ މަންމައާއި ބައްޕަ ވަރަށް މަސައްކަތް ކުރިއެވެ. އަހަންނަށް ވިސްނައިދޭން ކުރެވުނު ހުރިހައި ކަމެއް އެ މީހުން ކުރިއެވެ. އަހަރެން އުޅެފައި ހުރި ފެންވަރާއި، ރަށުގެ ހާލަތު ހުރި ގޮތް ވަރަށް ރަނގަޅަށް ބައްޕަ ކިޔައިދިނެވެ. ފިނީގައި ނޫނީ އަހަންނަށް ނުނިދޭނެކަމާއި، ބޭނުންވާ އެއްޗެހި ނުކެވޭނެކަމާއި، ދާނެ ތަންތަން ނުހުންނާނެ ކަމާއި، ރައްޓެހިން ނުތިބޭނެކަން ހަނދާން ކޮށްދިނެވެ. ތަކުރާރުކޮށް އެތަކެއް ފަހަރަކުއެވެ.

"ރަނގަޅު ހޮސްޕިޓަލެއް، ރަނގަޅު ޑޮކްޓަރެއް ނެތް،" މަންމަ ބުންޏެވެ. "ދަރިފުޅު ބޯކޮށަން ކޮންތާކަށް ދާނީ؟ ތި ކާ އައިސްކްރީމާ، ޕިއްޒާޔާ، ބާގަރ ކިހިނެއް ހޯދާނީ؟ އަދިވެސް އެއްފަހަރު ވިސްނާލާ ދަރިފުޅާ!"

"ވިސްނައިފީމޭ މަންމާ!" އަހަރެންގެ ޖަވާބު އަވަހެވެ. "ތި ކިއި ހުރިހާ އެއްޗަކަށް ވުރެ ވެސް އަހަންނަށް މުހިންމީ ހުމޭރު. އޭނަ ހުރީމަ އެ ނިމުނީ."

މައިންބަފައިން ދިން އެއްވެސް ނަސޭހަތެއް އަހަރެންގެ ކަންފަތުގެ ތޫރިން އެތެރެއަކަށް ނުވަނެވެ. އަހަންނަށް ސިފަކުރެވެނީ ރަށުގައި އަހަންނާއި ހުމޭރު ވެއަތުކުރާނެ އުފާވެރި ދުވަސްތަކެވެ. އަތިރިމަތީގެ ހުވަފެނީ މަންޒަރުތަކެވެ. ހަމަހިމޭންކަމެވެ. ލޯތްބެވެ. އަހަރެންގެ ކައިވެންޏަށް ހުރަސްއަޅަން މައިންބަފައިން ކުރި މަސައްކަތް ނާކާމިޔާބުވި ގޮތަށް، މާލޭގައި އަހަރެން ބަހައްޓަން ކުރި މަސައްކަތް ވެސް ވީ ބޭކާރެވެ. އަހަރެންގެ ލޯބީގެ ހުޅުކޮޅު ހިފައިގެން ހުމޭރުގެ ރަށަށް ފުރީމެވެ.

ނުނިމޭ