15 ޖުލައި 2016 - 12:10

ޓެރަރިޒަމާއި ހައްދުފަހަނައެޅުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، އިންޑިއާގެ ބޮޑުވަޒީރު ނަރިންދުރަ މޯދީގެ ސްޕެޝަލް އެންވޯއީ އޮން ކައުންޓާ ޓެރަރިޒަމް އެންޑް އެކްސްޓްރީމިޒަމް ސައީދު އާސިފްއާއެކު މަޝްވަރާ ކުރައްވައިފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޑިފެންސް މިނިސްޓަރު މީގެ ކުރިން "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖެއަށް ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށެވެ. އެކަމަކު މިހާތަނަށް އައިއިރު ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރެއް ލިބިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ރާއްޖެ އިން މިހާތަނަށް ދިޔައީ 49 މީހުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެމީހުންގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ ބޮޑެތި ކުށްތަކުގައި ހިމެނޭ މުޖުރިމުން ކަމަށް ސަރުކާރުން ބުންޏެވެ.
ނަމަވެސް ސަރުކާރުގެ ވާހަކަތައް ދޮގުކޮށް ބައެއް ފަރާތްތަކުން ބުނާ ގޮތުން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާ މީހުންގެ އަދަދު 200 އާ ގާތް ކުރެ އެވެ. މީގެ ތެރެއިން ބައެއް މީހުން ހަނގުރާމައިގެ މައިދާނުގައި ހަނގުރާމަ ކުރަނިކޮށް ވަނީ މަރުވެފަ އެވެ.
ބޭރުގައި ހިނގާ ބައެއް ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވުމަކީ އަދި ބައިވެރިވާން އުޅުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ޖިނާއީ ކުށެކެވެ.